ސުނާމީއާ ގުޅިގެން 2006 ވަނަ އަހަރު ލ. މާބައިދޫ ޕްރީ ސްކޫލް އިމާރާތްކުރުމަށް ކެއާ ސޮސައިޓީން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ އިސްދަރިވަރުންގެ ގުޅުމާ ހަވާލު ކުރި ޕްރީ ސްކޫލްގެ މިލްކުވެރިކަން ސާބިތުކުރަން ކޯޓަށްދިއުމަށް ނިންމާފައިޥާ މާބައިދޫ ރަށު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ރަށުކައުންސިލްގެ ރައީސް އިބުރާހިމް މުހައްމަދު މިއަދު ވިދާޅުވީ ކެއާސޮސައިޓީން ޕްރީ ސްކޫލް އިމާރާތްކޮށް ހިންގަން އިސްދަރިވަރުންގެ ޖަމިއްޔާއާ ހަވާލުކޮށްފައި ވީ ނަމަވެސް އެތަނަކީ އެ ޖަމިއްޔާގެ މިލްކެލް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހަ އަހަރު ވާން ދާއިރު ވެސް އެ އިމާރާތުގެ މަސައްކަތް ނިމިފައި ނުވާ ކަމަށައި އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ދަތިވެފައިވާ ކަމަށެވެ.

"މިއީ ސްނާމީއާ ގުޅިގެން ކެއާ ސޮސައިޓީން މިރަށުގައި އަޅައިދޭން ނިންމި ޕްރީސްކޫލެއް. އޭރު ކެއާ ސޮސައިޓީން މިތަން ހަވާލު ކުރީ އިސް ދަރިވަރުންގެ ގުޅުމާ. ނަމަވެސް މިހާ ދުވަސް ވީއިރު ވެސް ސްކޫލްގެ މަސައްކަތް ވަނީ ނުނިމި،" އިބުރާހިމް ވިދާޅުވިއެވެ.

ޕްރީ ސްކޫލް އިމާރާތްކޮށް ނުނިމޭތީ ޕްރީސްކޫލެއްގެ ހިދުމަތް މާބައިދޫގައި ދެމުން އައީ އެކަމަށް އެކަށީގެން ނުވާ، މިންގަޑުތަކަށް ނުފެތޭތީ ހުއްދަވެސް ނުލިބިވާ ކްލާސްތަކެއްގައި ކަމަށް އިބުރާހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްދަރިވަރުންގެ ޖަމިއްޔާއިން މިހާރު ޕްރީ ސްކޫލް ހިންގަމުން ދަނީ ނުނިމޭ އިމާރާތެއްގައި ކަމަށެވެ.

"ޕްރީ ސްކޫލް މިހާތަނަށް ހިނގަމުން އައި ކްލާސްތަކުގެ ފެންވަރު ދަށްވެ، ކެއާ ސޮސައިޓީން ދިން ޕްރީ ސްކޫލް ނިމިފައި ނުވާތީ މައިބައިދޫ ރައްޔިތުން އިއްޔެ ވަނީ ކައުންސިލްގެ އިދާރާ ދޮށަށް ވެސް އެއްވެފަ އެވެ. އިއްޔެ ހެނދުނު އެއްވި ގޮތަށް ރައްޔިތުން ގެއަށް ގޮސްފައި ވަނީ ރޭ މެންދަމު އެވެ. އެވެ.

އިބުރާހިމް ވިދާޅުވީ އިއްޔެ ރައްޔިތުން އިހުތިޖާޖު ކުރުމާ ގުޅިގެން ރަށު ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުން މިހާރު ފާސްކޮށްފައި ވަނީ މިހާރު ޕްރީ ސްކޫލްގެ ގޮތުގައި ހިންގަމުންދާ ތަން ބަންދުކޮށް އިމާރާތްކުރުމުގެ މަސައްކަތް ކުރާ ޕްރީ ސްކޫލްގެ މައްސަލަ ކޯޓަށް ވެއްދުމަށެވެ. ރޭ ރައްޔިތުން އެނބުރި ގެއަށް ދިޔައީ އެކަން އެގޮތަށް ކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިހާރު ވަނީ ޕްރީ ސްކޫލްގެ މިލްކުވެރިކަން ސާބިތުކުރުމަށް ކޯޓަށް ހުށައެޅުމަށް ނިންމާފައި. މިހާރު މިގެންދަނީ އެކަމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރަމުން" ކައުންސިލަރު އިބުރާހީމް ވިދާޅުވިއެވެ.

މިހާރު މާބައިދޫގައި ޕްރީ ސްކޫލެއްގެ ހިދުމަތް ލިބެމުން ނުދިޔަ ނަމަވެސް މާދަމާ ނުވަތަ އަނެއް ދުވަހު ލ. އަތޮޅު މަދަރުސާގެ ކްލާސް ރޫމެއްގައި ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން އަލުން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މާބައިދޫ ރަށުކައުންސިލުން ބުންޏެވެ.