02 Jan 2016, 22:39
މީގެ ކުރިން އެއްވެސް ސަރުކާރަކުން ޒުވާނުންނަށް ނުދޭވަރުގެ ޚިދުމަތްތަކެއް މިއަދުގެ ސަރުކާރުން ޒުވާނުންނަށް ފޯރުކޮށް ދެމުންދާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުޑަފަރީގައި މިއަދު ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަމުގެ ފައިނަލް މެޗަށްފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މުބާރާތުގެ އެއް ބަނީ ކަމަށްވާ ސިޔާމް ވިދާޅުވީ ޒުވާނުންނަކީ މުސްތަގުބަލްގައި ގައުމު ހިންގުމަށް ތިބި މީހުންކަމަށް ވުމުން އެމީހުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކަކާއި ފުރުސަތުތަކެއް ފަހި ކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"މި ސަރުކާރުން މި ދަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ފުޓްސަލް ދަނޑުތަކާއި ބަށި ކޯޓާއި ޓެނިސް ކޯޓު ތަކާއި ނެޓުބޯޅަ ކޯޓުތައް އަޅަމުން. ޒުވާނުންނަށް އެ މީހުން ބޭނުންވާ ކުޅިވަރުތަށް ކުޅެވޭނެ ގޮތްތަށް ފަހި ކޮށްދެމުން،" ސިޔާމް ވިދާޅުވި އެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ދިން އިރު ސިޔާމް ވިދާޅުވީ މިފަހަރުގެ މުބާރާތަށް ވުރެ އަންނަ އަހަރުގެ މުބާރާތް 275،000 ރުފިޔާއާ އެކު ވަރަށް ފުޅާކޮށް ކުރިއަށްގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ގިނަ ފަރާތްތަކަކުން ފުޓްސަލް މުބާރާތްތަކެއް ބާއްވަމުން އަންނަ ކަމަށާއި އެ ފަދަ ކޮންމެ މުބާރާތަކަށް ވެސް ސަރުކާރުގެ ފަރާތުން ކޮންމެ ވެސް ގޮތަކުން އެހީ ތެރިކަން ފޯރު ކޮށްދިނިމަށް މަސަތްކަތް ކުރާ ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުން މި ވަނީ ޒުވާނުން ވަރަށް ގިނަ ކަންތައްތަކަކާއި ތަސައްވަރު ތަކެއް އެކުލަވާލާފައި. އެ ގޮތުން ޒުވާނުންނާއި އެ މީހުންގެ ކުޅިވަރުތަކަށް މި ވަނީ ވަރަށް ބޮޑު ބަޖެޓަށް ކަނޑައަޅާފައި،" ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ މި ސަރުކާރުން މި ވަނީ ޒުވާނުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭން ވައުދު ވެފައި ކަމަށާއި އެ ވައުދުތައް ފުރިހަމަ ކުރަމުންދާ އިރު ވަރަށް ހަލުވި ސްޕީޑެއްގައި އެ މަންޒަރު ފެނިގެންދާ ކަމަށެވެ.
އެގޮތުން ކުޑަފަރީގައި އަޅަމުންދާ ފުޓްސަލް ދަނޑު އަވަހަށް ނިންމުމަށް ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހިރިހާ ކަމެއް ކޮށްދޭނެކަމަށް މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.