02 Jan 2016, 22:14
ސަރުކާރުން ހަމަޖައްސާ ހެޔޮ އަގެއްގައި ތާޒާ ކަނޑުމަސް ލިބޭނެ މަސް މާރުކޭޓެއް، ސްރީލަންކާގެ ކޮންމެ ސިޓީއެއްގައި ގާއިމުކުރުމަށް އެގައުމުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ސްރީލަންކާއަކީ ކަނޑުމަހާއި މަހުގެ ބާވަތްތަކަށް ލޯބިކުރާ ރައްޔިތަން ދިރިއުޅޭ ގައުމެކެވެ. އެހެން ނަމަވެސްއެ ގައުމުގައި ކަނޑުމަސް ތާޒާ ކަމާއެކު އެންމެ ފަސޭހައިން ލިބެނީ އައްސޭރިފަށާއި ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށެވެ.
ސްރީލަންކާގެ މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ދިލިޕް ވީދައަރައްވި ވިދާޅުވީ، އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަނޑުމަސް ތާޒާ ކަމާ އެކު ލިބުނު ނަމަވެސް، ގައުމުގެ މެދުތެރޭގައި ދިރިއުޅޭ މީހުންނަށް ކަނޑުމަސް ފަސޭހައިން ނުލިބޭ ކަމަށެވެ.
އަދި އައްސޭރިފަށުގައި ކަނޑުމަސް ލިބޭ އަގާއި ލަންކާގެ އެތެރޭގެ ސަރަހައްދުތަކުގައި ކަނޑުމަސް ލިބޭ އަގުގައި ވެސް ބޮޑު ފަރަގެއް ވާ ކަމަށް ސްޓޭޓު މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން، އެ ވުޒާރާއިން ނިންމާފައި ވަނީ ސްރީލަންކާގެ ކޮންމެ ސިޓީއެއްގައި ތާޒާ މަސް ލިބޭ މާރުކޭޓެއް އެޅުމަށެވެ. އެގޮތުން، މި ހަފްތާގައި ލަންކާގެ ސަރުކާރުން ވަނީ ސްރީލަންކާގެ މޮނާރެގަލަ ސިޓީގައި މަސް މާރުކޭޓެއް ހުޅުވައިފަ އެވެ.
ލަންކާގެ ފިޝަރީޒް މިނިސްޓްރީއިން ބުނީ، އެ މާރުކޭޓުތަކުން ކަނޑުމަހުގެ އިތުރުން ހިކި މަހާއި ކުކުޅު މަހާއި ކުކުޅު ބިސް ފަދަ ބާވަތްތައް ވެސް ލިބޭނެ ކަމަށެވެ.
ސަރުކާރުން ހުޅުވާ މާރުކޭޓުތަކުގައި ވިއްކާ ހުރިހާ ބާވަތެއްގެ ވެސް އަގަކަށް ވާނީ، ސަރުކާރުން ހަމަޖައްސާ އަގެއް ކަމަށް ލަންކާގެ ފިޝަރީޒް މިނިސްޓްރީއިން ބުންޏެވެ.