02 Jan 2016, 20:19
ނ. އަތޮޅުގެ ރަށް ތަކަށް އަމާޒު ކޮށްގެން ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންކަން 0-1 ގެ ނަތީޖާއަކުން ކުޑަފަރީ ބަލިކޮށް ހޮޅުދޫ އިން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޑަފަރީ ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ އެ މުބާރާތުގެ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ހޮޅުދޫ ޓީމިގެ ހަމަ އެކަނި ގޯލު ދެވަނަ ހާފްގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް އަފްލާހެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ އަފްލާހެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ރަނަރަޕް ޓީމަށް ޒުހޫެރު އާއި ގާސިމް ރަމްޒީ ޗެކް ހަވާލު ކޮށްދެއްވަނީ ---
ނ. އަތޮޅުގައި 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެންމެ އަގު ބޮޑު އެ މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެށި އެ މުބާރާތުގައި ޖުމުލަ ނަވަ ޓީމު ބައިވެރިވެފައިވާ އިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހޮޅުދޫ ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލު ކޮށްދެއްވީ އެ މުބާރާތުގެ ދެ ބާނީން ކަމުގައިވާ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.
ރަންރަޕް ޓީމަށް 50،000 ރުފިޔާގެ ރަމްޒީ ޗެކާއި ޓްރޮފީ އަދި މެޑަލް ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓަރު ޒުހޫރާއި ސިޔާމް ގެ ބައްޕާފުޅު މުހައްމަދު ގާސިމެވެ.
މީގެ އިތުރުން އެ މުބާރާތުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ދޭ ދިހަ ހާސް ރުފިޔާ ލިބުނީ މާޅެންދޫ ފުޓްބޯޅަ ޓީމަށެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ހޮޅުދޫ ޓީމުގެ އަހްމަދު ފާރިސް އަށް ޒުހޫރު ޓްރޮފީ ހަވާލު ކޮށްްދެއްވަނީ ---
އެ މުބާރާތުގެ ހޮވި އެހެން ވަނަތަކަށް ބަލާއިރު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވުނީ ހެނބަދޫ ޓީމުގެ ހުސައިން އަބްދުﷲ އާއި ހޮޅުދޫ ޓީމުގެ އިބްރާހިމް އަފްލާހު އާއި މާޅޭންދޫ ޓީމުގެ ހަސަން ނަސީރު އާއި ކުޑަފަރީ ޓީމުގެ އަހްމަދު އުމައިރުގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓު ހޯދި މަނަދޫ ޓީމުގެ އިބްރާހިމް ނައުފަލެވެ.
މުބާރާތުގެ އެންމެ މޮޅު 21 އަހަރުން ދަށުގެ ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ މަގޫދޫ ޓީމުގެ މުހައްމަދު އިރުޝާދާއި މާފަރު ޓީމުގެ އައްޒާމު އަބްދުﷲ ގެ އިތުރުން ހޮޅުދޫ ޓީމުގެ އަމްދާހު އަލީ އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ހޮޅުދޫ ޓީމުގެ އަހްމަދު ފާރިޝް އެވެ.
މިއަހަރުގެ އެ މުބާރާތް ނިއްމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ އަންނަ އަހަރު އެ މުބާރާތް މިއަހަރަށް ވުރެން ފުޅާކޮށް ޖުމުލް 275،000 ރުފިޔާއާ އެކު އަންނަ އަހަރު ފަށާނެ ކަަމަށް އިއުލާން ކުރައްވާފައެވެ.