02 Jan 2016, 19:47
މިފްކޯ އަށް ދާއިމީކޮށް އައިސް ކިރާ ފަރާތްތަކަށް ހިލޭ އައިސް ދޫކުރަން އެ ކުންފުނިން ނިންމައިފި އެވެ.
އެގޮތަށް އެ ކުންފުނިން ނިންމާފައި ވަނީ އެ ކުންފުންޏަށް ގިނަ ދުވަސްވަންދެއް މަސް ކިރުވާފައިވާ މަސްވެރިންނާ އެކު އެ ކުންފުނީގެ މެނޭޖްމަންޓުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިފްކޯއިން ބުނީ އެގޮތަށް ނިންމީ މަސްވެރިކަން ދަށް ދުވަސްވަރާ ދިމާކޮށް، ކަޅުބިލަމަސްވެރިކަން ކުރާ ފަރާތްތަކަށް މަހަށް ފުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިފްކޯއަށް ދާއިމީކޮށް މަސްކިރުވާ ކޮންމެ ދޯންޏަކަށް ހަފްތާއަކު ތިން ޓަނު އައިސް ދޫކުރަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ވޭތުވެދިޔަ އަހަރު މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ ތެރެއިން 250 ޓަނުގެ މަހަށްވުރެ ގިނައިން މަސްކިރުވި ދޯނިފަހަރަށް އެ ކުންފުނިން ވަނީ "އެންމެ އެކުވެރި މަސްވެރިޔާ" ގެ ނަމުގައި ކާޑެއް ދޫކޮށްފަ އެވެ. އެ ކާޑު ބޭނުންކޮށްގެން ކުންފުނީގެ ކޮންމެ ފިހާރައަކުން ވެސް ކަނޑައެޅިފައިވާ އައިޓަމްތަކަކުން ޑިސްކައުންޓް ލިބި އެހެނިހެން ކަންކަން ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނީ ވޭތުވެދިޔަ ދެ އަހަރަކީ ވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށް ދެއަހަރު ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު މަހުގެ އަގު ދަށްނުވާ ވަރަށް ދުނިޔޭގެ ބާޒާރުގައި މިހާރު މަހުގެ އަގު ދަށްވެފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ނަމަވެސް ސަރުކާރުގެ އިރުޝާދާއި އެހީތެރިކަމާ އެކު ދިވެހި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި މިހާރު މިފްކޯއަށް މަސް ގަންނަ އަގަކީ ސަރުކާރުން ބޮޑުހޭދައެއް ކޮށްގެން ހިފަހައްޓާފައިވާ އަގެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.