02 Jan 2016, 17:46
ޓްރިވެންޑްރަމް، އިންޑިއާ (02 ޖަނަވަރީ) -ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި ފޭވަރިޓް ޓީމަކީ އަފުޣާނިސްތާން ކަމަށާއި ނަމަވެސް އެއީ ބަލި ނުކުރެވޭނެ ޓީމެއް ނޫންކަމަށް ފައިނަލުގައި އަފުޣާނާ ދެކޮޅަށް ނިކުންނަ އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެޓެއިން ބުނެފިއެވެ.
މާދަމާގެ ފައިނަލު މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޮންސްޓެޓެއިން ބުނީ، އަފުޣާނިސްތާނަކީ ފޭވަރިޓް ކަމަށް ބުނަނީ، އެޓީމުގެ 15 ކުޅުންތެރިންނަކީ ޔޫރަޕްގެ ލީގްތަކުގައި ކުޅޭ ކުޅުންތެރިންނަށް ވުމުންކަމަށާއި އޭޝިއާގައި ކުޅޭ ކުޅުންތެރިންނަށްވުރެ ޔޫރަޕްގައި ކުޅޭ ކުޅުންތެރިން ތަފާތު ވާނެ ކަމަށެވެ.
އޭނާ، ބުނީ ސެމީގައި ރާއްޖެއާ ދެކޮޅަށް ނިކުތް މެޗްގައި ޑިފެންސުގައި ކުރިމަތިވި މައްސަލަތައް ހައްލު ކުރާނެ ކަމަށާއި އިންޑިއާ ކުޅޭނީ އެޓީމުގެ ގޭމް ޕްލޭންގައި ކަމަށެވެ.
"އަފުޣާނިސްތާނަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫން. އަހަރެމެންގެ ގޭމް ޕްލޭންގައި ކުޅެފިނަމަ އަހަރެމެންނަށް އެޓީމު ބަލި ކުރެވިދާނެ. އެންމެ ފަހުވަގުތާ ހަމަޔަށްވެސް އަހަރެމެން ޖެހޭނެ އަހަރެމެންގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅެން،" ކޮންސްޓެޓެއިން ބުންޏެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއާ ބެހޭގޮތުން ސުވާލުކުރުމުން ކޮންސްޓެޓެއިން ބުނީ ވަކި ކުޅުންތެރިޔަކު އޭނާގެ ކުރިމަތީގައި ޚާއްސަ ނުވާނެ ކަމަށާއި ނަމަވެސް ސުނިލްއަކީ ކެޕްޓަން ކަމަށްވުމުން އޭނާގެ ޒިންމާ ޓީމުގައި ބޮޑުވާނެ ކަމަށެވެ.
އަފުޣާނިސްތާނާއި އިންޑިއާ ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މާދަމާ 6:00 ގައެވެ.