ޓްރިވެންޑްރަމް، އިންޑިއާ (2 ޖަނަވަރީ)-އިންޑިއާ އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނަސް މައްސަލައެއް ނެތް ކަމަށާއި އަފުޣާނިސްތާން އެންމެ ފަހު ވަގުތާ ހަމަޔަށްވެސް މަސައްކަތް ކުރާނީ މުބާރާތް ކާމިޔާބު ކުރަން ކަމަށް އެޓީމުގެ ކޯޗް ޕީޓާ ސާގެޓް ބުނެފިއެވެ.

ސާފް ސުޒުކީ ކަޕްގެ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ނިކުންނަ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ސާގެޓް ބުނީ އިންޑިއާއަށް ފުރިހަމައަށް އިހްތިރާމު ކުރާ ކަމަށާއި އަދި އެޓީމަކީ ބަލި ކުރަން އުނދަގޫ ޓީމެއް ކަމަށެވެ.

އޭނާ ބުނީ، މުބާރާތުގެ ކުރިން އަފުޣާނިސްތާންގެ މުހިންމު ދެ ކުޅުންތެރިންނަށް އަނިޔާވެ ދެކުޅުންތެރިން ދޫކޮށްލި ކަމަށާއި ނަމަވެސް ގައުމީ ޓީމާއެކު މިވަގުތު ތިބި ކުޅުންތެރިންނަކީ އަފުޣާނިސްތާންގެ އެންމެ މޮޅެތި ކުޅުންތެރިން ކަމަށެވެ.

"އަހަންނަށް އެނގޭ އިންޑިއާ ކުޅޭނީ އެމީހުންގެ ސަޕޯޓަރުންގެ ކުރިމަތީގައިކަން. ހޯމް އެޑްވާންޓޭޖު އޮތީ އިންޑިއާއަށް. ނަމަވެސް އަހަރެމެންނަށް އިންޑިއާއަށް އުނދަގޫވާ ފަދަ ކުޅުމެއް ދެއްކިދާނެ. އަހަރެން އެކަމާ ނުވިސްނަން. އަހަރެމެން މާކުރިންސުރެ އައީ ފައިނަލާ މެދު އުންމީދު ކުރަމުން،" ސާގެޓް ބުންޏެވެ.

އޭނާ ބުނީ، އިންޑިއާއަށްވުރެ އިތުރަށް މި މުބާރާތުގައި އަފަުޣާން މެޗުތައް ކުޅެފައިވުމަކީ ވަރުބަލިވެގެން ކުޅުންތެރިންނަށް އުނދަގޫވާނެ ކަމެއްނޫން ކަމަށާއި އޭޝިއަންކަޕް ނުވަތަ ވޯލްޑްކަޕްގައި ކައިރިކައިރީގައި މެޗް ކުޅެން ޖެހޭއިރު މިމުބާރާތުގައި އެހެންދިމާވުމަކީ ކުޅުންތެރިންނަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ.

"މާދަމާ މޮޅުވިޔަސް ނުވަތަ ބަލިވިޔަސް މާދަމާއަކީ އަފުޣާނިސްތާނަށް ބޮޑު ކާމިޔާބެއް. އެއީ އަހަރެމެންގެ ކުޅުންތެރިން މެޗަށް އެމީހުންނަށް ކުރެވެން ހުރިހާ ކަމެއް ކޮށްފި. ކުޅުންތެރިންގެ ފަރާތުން ދެވެންހުރި ހުރިހާ ސަޕޯޓެއް ދީފި،" ސާގެޓް ބުންޏެވެ.

އަފުޣާންގެ ކެޕްޓަން ފައިސަލް ސައިސްތޭ ބުނީ، އިންޑިއާގެ ޓީމުގެ ހުރި ވަރުގަދަ ކަމަކާމެދު ސަމާލުކަމެއް ނުދޭ ކަމަށާއި އަފުޣާން ސަމާލުކަން ދެނީ އަމިއްލަ ޓީމުގައި ހުރި ވަރުގަދަކަމެއް ބޭނުންކޮށްގެން މެޗް ކާމިޔާބު ކުރުމަށް ކަމަށެވެ.

އަފުޣާނިސްތާނާއި އިންޑިއާ ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މާދަމާ 6:00 ގައެވެ.