އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ނުގެންދެވި ލަސްވަނީ ބައެއް ކަންކަން ހަމަނުޖެހޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން އަށް ވިދާޅުވީ ނުނިމި ހުރި ކަންކަން ނިންމުމަށް ފަހު ޒިޔާދާގެ ހަށިގަނޑު ވީހާވެސް އަވަހަކަށް ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ޒިޔާދާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން މިދަނީ،" އިސްމާއިލް ވިދާޅުވި އެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޮޓޯޕްސީ ހެދުން ކޮންމެހެން ބޭނުންކަމަށް ފުލުހުން އާއިލާއަށް އަންގާފައިވާ އިރު، އޮޓޯޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ގެންދާނީ ކޮން ގައުމަކަށް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ ތިން ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.

ޝާހުގެ އާއިލާ އިން ވަނީ ޒިޔާދާއަށް ޝާހު އަނިޔާ ކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.