02 Jan 2016, 16:32
ޓްރިވެންޑްރަމް، އިންޑިއާ (2 ޖަނަވަރީ):އިންޑިއާގައި މިހާރު ކުރިއަށްދާ 11 ވަނަ ސާފް ޗެމްޕިއަންޝިޕް ނުވަތަ ސާފް ސުޒުކީ ކަޕް އިންތިޒާމް ކުރާ ވޯލްޑް ސްޕޯޓްސް ގުރޫޕް (ޑަބްލިއުއެސްޖީ) އިން ބޭނުންވުމުން ސާފް ޗެމްޕިއަންޝިޕްގެ 12 ވަނަ އެޑިޝަން ބަނގުލަދޭޝްގައި ބޭއްވުމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑްރޭޝަން (ސާފް)ގެ އެކްސްކޯއިން ނިންމައިފިއެވެ.
މުބާރާތް ތަރުތީބު އުސޫލުން ދާނަމަ މުބާރާތުގެ ފުރުސަތު ލިބެނީ ޕާކިސްތާން ނުވަތަ ރާއްޖެއަށެވެ.
އެކްސްކޯގެ ނިންމެވުމާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ، ބަނގުލަދޭޝްގައި މުބާރާތް ބޭއްވުމަށް ޑަބްލިއުއެސްޖީން ހުށަހެޅުމުން ސާފްގެ މެންބަރު ގައުމުތަކުން އެހުށަހެޅުމަށް ތާއީދު ކުރެއްވީ ކަމަށެވެ.
ބައްސާމް ވިދާޅުވީ، ރާއްޖެއިން މުބާރާތް ބޭއްވުމަށް ރަސްމީކޮށް ހުށަހަޅައި ބިޑް ކާމިޔާބު ކުރުމަށް މަސައްކަތްވެސް ކުރި ކަމަށެވެ.
ބެލެވޭ ގޮތުގައި ޑަބްލިއުއެސްޖީއިން ބަނގުލަދޭޝްގައި މުބާރާތް ބާއްވަން ހުށަހެޅީ މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސާ ސުޒުކީ މޮޓޯސްއިން ބޭނުންވުމުންނެވެ.
އެހެންވެ 2017 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްވެސް ބާއްވާނީ ސުޒުކީގެ ޓައިޓަލް ސްޕޮންސާޝިޕާއެކު 'ސާފް ސުޒުކީ ކަޕް' ގެ ނަމުގައެވެ.
މީގެ ކުރިން ބަނގުލަދޭޝްގައިވަނީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރެއްގެ މަތިން ބާއްވައިފައެވެ. އެއީ 2013 އަދި 2009 ގައެވެ.