އިދިކޮޅު އެމްޑީޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިއަދު ސަން އަށް ވިދާޅުވީ އެމްޑީޕީން ބޮޑެތި ނިންމުންތައް ނިންމަމުން ދަނީ ޕާޓީގެ ކޮންގްރެސްއެއް ނުބާއްވައި އަދި ގައުމީ މަޖިލީހުގެ ބައެއް ވެސް ހޯދުމެއްނެތި ވަކި ބަޔަކު ބޭނުންވާގޮތަށް ކަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ މިހާރު ހިންގަން ތިއްބެވި ބޭފުޅުން ބޭނުން ވަނީ ތަޅާފޮޅައިގެން ކަންތައްތައް ކުރުމަށް ކަމަށާއި ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން އުޅޭ ބޭފުޅުން ތިއްބީ އެކަހެރިކޮށްފައި ކަމަށެވެ.

މައާފަށް އެދުމުން ނޫނީ އޭނާ އަށް ދެން އެމްޑީޕީ އަށް ނުވަދެވޭނެ ކަމަށް އެ ޕާޓީން އަންގާފައި ވަނީ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދަށް ވެސް ނޭނގި ކަމަށާއި އެ މައްސަލަ މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އެމްޑީޕީން ވަކިކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރުމަށް ނެގި ވޯޓުގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ޚިލާފުވި ކަމަށް ބުނެ އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މޫސަ އެ ޕާޓީން ވަކިކުރީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެފަ އެވެ.