02 Jan 2016, 16:52
އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ކުރީގެ ވައިސް ކެޕްޓަން ސްޓީވަން ޖެރާޑް މިއަހަރަށް ފަހު ކުޅުން ހުއްޓައިލާނެ ކަމުގެ އިސާރާތެއް އޭނާ ކޮށްފިއެވެ.
ޑެއިލީ ޓެލްގުރާފަށް ދިން އިންޓަވިއު އެއް ގައި ޖެރާޑް ބުނީ، ޔަގީން ކަމާ އެކުގައި ބުނަން ނޭންގުނު ނަމަވެސް މި ފެށުނު 2016 ވަނަ އަހަރަކީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފުޓްބޯޅަ ކުޅޭނެ އެންމެ ފަހު އަހަރަށް ވުމަކީ އެ ކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމެވެސް ދަނޑު ބޭރުން އޭނާ ފެނިގެން ދާނެ ކަމަށެވެ.

ޖެރާޑް ލިވަޕޫލާ އެކު ހޯދި ޗެމްޕިއަންސް ލީގް ޓްރޮފީ ހިފައިގެން --- ފޮޓޯ: ސްކައި ސްޕޯޓްސް
"އަހަރެން ކުޅުން ހުއްޓާލިޔަސް ފުޓްބޯޅައިގެ ހަރަކާތް ތަކުން ދުރެއް ނުވާނަށް. ލިވަޕޫލްގެ ކޯޗާއި އަހަރެން ވާހަކަ ދެއްކިން. ކުލަބުން ވެސް ބޭނުންވޭ އަހަރެންގެ އެހީތެރިކަން. އެހެންކަމުން ކުޅުން ހުއްޓާލުމަށް ފަހު އަހަރެން ފެނިގެންދާނީ ލިވަޕޫލްގެ ކޯޗިން ސްޓާފުންގެ ތެރެއިން،" ޖެރާޑް ބުންޏެވެ.
ލިވަޕޫލް ދޫކޮށް އުމުރުން 35 އަހަރުގެ ޖެރާޑް އެމެރިކާގެ އެލްއޭ ގެލެކްސީއަށް ބަދުލުވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ހަތް ވަނަ ދުވަހުއެވެ. މިޑްފީލްޑަރެއްގެ ގޮތުގައި ޖެރާޑް ލިވަޕޫލްގައި 710 މެޗު ކުޅެފައިވާ އިރު އޭނާ ވަނީ 186 ގޯލް ކާމިޔާބް ކޮށްފައެވެ.
ލިވަޕޫލާ އެކު މިހާރުވެސް ގާތް ގުޅުން ތަކެއް ބާއްވަމުން އަންނަ ޖެރާޑް ބުނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، އޭނާ ކުޅެމުން އަންނަ އެލްއޭ ގެލެކްސީއާއެކު ހަދާފައިވާ އެއްބަސް ވުން ހަމަވެގެން ދާއިރު އޭނާގެ ދިރިއުޅުމުން %75 ކޯޗިންއަށް ހުސްކުރާނެ ކަމަށެވެ.

ޖެރާޑް އޭނާ މިހާރު ކުޅުމެން އަންނަ އެލްއޭ ގެލެކްސީ އަށް ގޯލެއް ކާމިޔާބް ކޮށްދިނުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: ސްކައި ސްޕޯޓްސް
"އަހަރެން މިހާރު ދެރަވޭ މީގެ ކުރިން އެއްވެސް ވަރަކަށް ކޯޗިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ތަމްރީނު ތަކެއް ހެދިފައި ނުވާތީ. އަހަރެންގެ އުމުރުން 21 އަދި 22 ހިސާބު ލިބުނު ވަރަށް ރަނގަޅު ފުރުސަތުތަކެއް ކޯޗިންގެ ތަމްރީން ތަކެއް ހެދުމަށް. ނަމަވެސް އެ ހުރިހާ ފުރުސަތު ތަކެއް ވެސް އަހަރެން ނަށް ވަނީ ބޭކާރު ކޮށްލެވިފައި،" ޖެރާޑް ބުންޏެވެ.
ލިވަޕޫލުން 1998 ވަނަ އަހަރު ކެރިއަރު ފަށައި އެ ޓީމުގައި 16 އަހަރު ހޭދަކޮށްފައިވީ ނަމަވެސް ޖެރާޑަށް އެ ކްލަބާއެކު ލީގް އުފުލާލުމުގެ ނަސީބު ވަނީ ނުލިބިފައެވެ. އެހެން ނަމަވެސް އޭނާގެ ކެޕްޓަން ކަމުގެ ދަށުން 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް އެ ކުލަބުން ވަނީ ކާމިޔާބު ކޮށްފައެވެ.