02 Jan 2016, 15:20
ރިޔާދް (ޖެނުއަރީ 2): ޓެރަރިޒަމްގެ ކުށް ސާބިތުވި 47 މީހެއްގެ މައްޗަށް ސައުދީ އަރަބިއާ އިން މިއަދު މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއާގެ 45 މީހަކާއި އެފްރިކާގެ މީހަކާއި މިސްރަށް ނިސްބަތްވާ މީހެއް ކަމަށް އެގައުމުން ބުނެ އެވެ.
ސައުދީ އަރަބިއާގެ އިންޓީރިއާ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން އެމީހުނަށް މަރުގެ އަދަބުދީފައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ބައިވެރިވުމުގެ ކުށުގައާއި ތަފާތު "ކުށްވެރި އަމަލު ކުރުމަށް ރޭވުމުގެ" ކުށުގައި އެވެ. އަދި ސައުދީ އަރަބިއާގައި 2003 ވަނަ އަހަރާއި 2004 ވަނަ އަހަރު އަލްގައިދާ އިން އިން ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ސާބިތުވި މީހުންނަށް ވެސް މިއަދު މަރުގެ އަދަބު ދީފައިވާނެ ކަމަށް އެބަޔާނުގައިވެ އެވެ.
މިއަދު މަރާލި މީހުންގެ ތެރޭގައި މަޝްހޫރު ޝީއީ އިލްމުވެރިއެއް ކަމަށްވާ ޝޭހް ނިމްރު އަލް ނިމްރު ވެސް ހިމެނެ އެވެ. ޝޭހް ނިމްރު އަކީ ޝީއީންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ސައުދި އަރަބިއާގެ އިރުމަތީ ޕްރޮވިންސުގައި ފެއްޓި ސަރުކާރާ ދެކޮޅު އެއްވުންތަކުގައި ބައިވެރިވި ފަރާތެކެވެ.
މިދިޔަ އަހަރުތެރޭގައި ސައުދީ އަރަބިއާ އިން ވަނީ 150 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. އެއީ ފާއިތުވި 20 އަހަރު ތެރޭގައި މަރުގެ އަދަބު ދިން ކަމަށް ރިކޯޑު ކުރެވުނު އެންމެ ބޮޑު އަދަދެވެ.