02 Jan 2016, 19:06
އިންޑިއާގައި މޯބައިލް ފޯނު ބޭނުން ކުރާ ފަރާތްތަކުގެ އަދަދު އެއް ބިލިއަނަށް އަރައިފި ކަމަށް އެގައުމުގެ ޓެލެކޮމް ރެގިއުލޭޓަރީ އޮތޯރިޓީ (ޓީއާރުއޭއައި) އިން ހާމަކޮށްފިއެވެ.
އިންޑިއާ އަކީ މޯބައިލް ފޯނު ބޭނުން ކުރާ ފަރާތްތަކުގެ އާބާދީ އެއް ބިލިއަން އަށް އެރި ދެވަނަ ގައުމެވެ. ދުނިޔެއިން އެންމެ ފުރަތަމަ އެ އަދަދަށް މޯބައިލް ފޯނުގެ ޔޫޒަރުން އަރާފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން އެއް ބިލިއަންގެ އަދަދަށް އަރާފައިވަނީ 2012 ވަނަ އަަހަރުއެވެ.
ޓީއާރުއޭއައި އިން މިދިޔަ ބުރާސްފަތި ދުވަހު ހާމަ ކުރި ގޮތުގައި އިންޑިއާގައި މޯބައިލް ފޯނުތަކުގެ ސަބްސްކްރިޕްޝަން ހަދާފައިވާ ތިބި މީހުންގެ އަދަދު އެއް ބިލިއަން އަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އަރާފައި ކަމަށެވެ. އަދި އެއް މަހުގެ ތެރޭގައި އެ އަދަދު ވަނީ 0.7 ޕަސެންޓު މަތި ވެފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެގޮތުން އެ މަހު ވަނީ 1.02 އަކަށް އެ އަދަދު މަތިވެފައެވެ.
އެހާ ގިނަ ދުވަސް ވަންދެއް އެފަދަ މައުލޫމާތެއް އާންމު ނުކޮށް ބަހައްޓާފައިވަނީ ކީއްވެ ކަމެއް އެ އޮތޯރިޓީ އިންނެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ މައުލޫމާތު ތައް އާންމުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އޮތޯރިޓީއިން ބުނެފައިވަނީ މޯބައިލް ފޯނުގެ ބޭނުން ވަރަށް ހަލުވި ސްޕީޑެއްގައި ކަމަށެވެ. އަދި އޭގެ ތެރޭގައި މޯބައިލް ފޯނުގެ އަދަދު ގިނަ ނަމަވެސް ސްމާޓްފޯނު ބޭނުން ކުރާ އަދަދުވެސް ވަރަށް ބާރަށް މަތިވަމުން ދާ ކަމަށް ޓީއާރުއޭއައި އިން ބުންޏެވެ.
އިންޑިއާގެ އާބާދީއަކީ 1.25 ބިލިއަން އެވެ. ނަމަވެސް އަދިވެސް ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ ޗައިނާއެވެ. އެގޮތުން ޗައިނާގެ އާބާދީ އަކީ 1.35 ބިލިއަން މީހުންނެވެ. އެހެން ކަމުން މޯބައިލް ފޯނު ބޭނުން ނުކުރާ ފަރާތްތަކުގެ އާބާދީ އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ކުޑަ ވަމުން ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.