ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި އަލަށް ހަދާފައިވާ ޕަބްލިކް ފާހާނާ ބަރިއާއި އަދި ފެންވަރާ އޭރިއާގެ މަސައްކަތް ނިންމުމަށްފަހު ރަސްމީކޮށް ހުޅުވައިފި އެވެ.

"ފެންދާނި"ގެ ނަމުގައި އުފެއްދި އެ އޭރިއާ ރަސްމީކޮށް ހުޅުވާ ދެއްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. މުުހައްމަދު މުއިއްޒު އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕަބްލިކު ޝަވާ އޭރިއާއެއް ހެދުމަށް މާލޭ ވޯޓާ އެންޑު ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑް (އެމްޑަބުލިއުއެސްސީ) އާ ހަވާލުކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

އެ މަސައްކަތަކީ އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ކޮމްޕޯނަންޓް ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެ މަސައްކަތަށް އެއްވެސް އަގެއް ހުށަހަޅާފައެއް ނުވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެތަނުގައި މިފަހަރު ބައެއް މުހިއްމު ކަންކަން ހިމަނާފައިވާނެ ކަމަށެވެ.

"އެގޮތުން މަދަރ ކެއަރ ރޫމެއް ވެސް އެބަ ހިމަނަން. އަދި ވަކިން ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ ވޮޝް ރޫމެއް ވެސް އެބަ ހިމަނަން. އަދި އަންހެން ފިރިހެން ވަކިން ދެ ޗޭންޖިން ރޫމު ވެސް އެބަ ހިމަނަން. ލޮކާ ރޫމުތައް ހިމެނޭ ގޮތަށް އަދި އޯޕަން އަދި ކްލޯޒް ޝަވަ އޭރިއާ ހިމެނޭ ގޮތަށް މިކަން ކުރިއަށް މި ގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.