ބަނގުރާ ކައްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ބަނގުރާ ކެއްކުމަށް ބޭނުން ކުރި ތަކެއްޗާއެކު ގއ. ކަނޑުުޅުދޫން ތިން ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެންނުން ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރާއި 33 އަހަރާއި 19 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މީހުން ހޯދަން ހިން އޮޕަރޭޝަނެއްގައި ކަނޑުހުޅުދޫ ގެއެއްގެ ތެރެއިން ކަމަށެވެ. އޭރު އެމީހުން ތިބީ ރާ ކައްކަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ނަމަވެސް ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ

ތިން މީހުން ބަންދާމެދު ގޮތެއްނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަހުގީގު ކުރަން 40 އަހަރުގެ މީހާއަށް 15 ދުވަސް ބަންދުގެ މުއްދަތަށް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 19 އަހަރުގެ މީހާއަށް 10 ދުވަސް ޖެހި އިރު އަދި 33 އަހަރުގެ މީހާއަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތު، ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.