13 Apr 2011, 14:29
ފުލުހުންގެ 78 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފުލުހުންގެ ޚިދުމަތަށް އެކި ރޮނގުރޮނގުން ހިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ރޭ އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ޖަލްސާ ޝަރުފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ހޯމް އެފެއާޒް ހަސަން އަފީފް އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ވޭތުވެދިޔަ އަހަރު އެކި ރޮނގުރޮނގުން ފުލުހުންގެ މަސައްކަތައް އެހީތެރިވެދެއްވި ޢާއްމުންގެ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި އެވެ.
ރޭގެ ރަސްމިއްޔާތުގައި އާއްމުންގެ ތެރެއިން ފުލުހުންގެ މަސައްކަތަށް ވޭތުވެދިޔަ އަހަރު އެހީތެރިވެދީފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު ހަސަން އަފީފާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހެވެ.
މީގެއިތުރުން ފުލުހުންގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ 13 ފުލުހަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތުގައި ފަސް ޖެހުމެއްނެތި ޑިއުޓީ އަދާކުރުމުގެ ތެރޭގައި ބޮޑެތި އަނިޔާ ލިބިފައިވާ އަށް ފުލުހަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހެވެ.
މީގެއިތުރުން މިދިޔަ އަހަރު ފުލުހުންގެ މުއައްސަސާއަށް ރީތިނަން ހޯދައިފައިވާ ފުލުހުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުނީރު އާއި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް އަޠީފް އާއި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާން އެވެ.