ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒު އެހެން ބިމެއްގައި އެޅުމަށް ނިންމައިިފި އެވެ.

އިސްލާމީ މަރުކަޒު އެހެން ބިމެއްގައި އެޅުމަށް ނިންމާފައި ވަނީ، އެ އިމާރާތް އެޅުމަށް ކުރިން ހަމަޖެހިފައި އޮތް ބިމުން އާސާރީ ބިނާއެއް ފެނުމާ ގުޅިގެން އެކަމާ މެދު ގޮތެއް ނިންމުމަށް ތިނަދޫ ކައުންސިލުން ރައްޔިތުންނާ އެކު ބޭއްވި މަޝްވަރާ ބައްދަލު ވުމަކަށް ފަހުގަ އެވެ.

ތިނަދޫ ރައްޔިތުންނާ އެކު ކައުންސިލުން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުން ---

ތިނަދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީރު މިއަދު ސަން އަށް ވިދާޅުވީ، ކައުންސިލުން ރޭގެ ވަގުތެއްގައި ތިނަދޫގެ ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރުގެ ހުށައެޅުންތަކަށް ހިޔާލު ބަދަލު ކުރުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

"އިސްލާމީ މަރުކަޒު ބަދަލު ކުރަން ފެންނަ ކަމަށް ވޯޓަކަށް އެހީމާ ޖަލްސާއަށް ހާޒިރުވެ ތިބި މީހުން ނިންމީ ބަދަލު ކުރަން ފެންނަ ކަމަށް، ސަރުކާރުން އެ ބޭނުންވާ ގޮތަށް،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާނުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ބިމަށް ތިނަދޫ އިސްލާމީ މަރުކަޒު ބަދަލުކުރަން ރައްޔިތުންގެ މަޝްވަރާއާ އެކު ނިންމާފައިވާ ކަމަށެވެ. އަދި އެ ބިމަކީ ސަރުކާރުން ތިނަދޫ އަށް ފޮނުވި މިނިސްޓްރީތަކުގެ ވަފުދުން ވެސް ހިތްހަމަ ޖެހޭ ބިމެއް ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

ތިނަދޫ ޒުވާނުންގެ މަރިކަޒު އެޅުމަށް ނިންމާފައި އޮތް ބިން ---

"ޔޫތު ސެންޓަރެއް އެޅުމަށް ނަގާފަ އިން ބިމެއް، އެ ސަރަހައްދުގައި އެބައިން މިސްކިތެއް އަޅަން ނަގާފައި އިން ބިމެއް ވެސް. ދެން ކައުންސިލުން މި ވިސްނަނީ މިސްކިތަށް ނަގާފައި އޮތް ބިމުގައި ޔޫތު ސެންޓަރު އެޅުމަށް. ދެން ޔޫތު ސެންޓަރަށް ކަނޑައަޅާފައި އޮތް ބިމުގައި އިސްލާމީ މަރުކަރު އެޅުމަށް"، ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، ރައްޔިތުންގެ އެ ނިންމުން އަންނަ އާދިއްތަ ދުވަހު ސަރުކާރަށް ހުށައަޅާނެ ކަމަށެވެ.

އިސްލާމީ މަރުކަޒު އެޅުމަށް ކުރިން ހަމަޖައްސާފަ އޮތް ބިން އާސާރި ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހައުސިންގް މިނިސްޓްރީ އަށް ހުށައަޅަން ނިންމާފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

ތިނަދޫ އިސްލާމީ މަރުކަޒު އެޅުމަށް ނިންމާފައި އޮތް ބިމުން އާސާރީ ބިނާ އެއް ފެނުމާ ގުޅިގެން އެކަމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުން ވަނީ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުން ހިމެނޭ ވަފުދެއް ތިނަދޫއަށް ފޮނުވާފަ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި އެހެނިހެން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާ ކަމާ ގުޅުން ހުރި އިދާރަތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ އެވަފުދުން ވަނީ ތިނަދޫ އިސްލާމީ މަރުކަޒު އެހެން ބިމަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ތިނަދޫ ކައުންސިލާ މަޝްވަރާ ކުރައްވައިފަ އެވެ.

އަދި އެ ކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ނިންމާ ގޮތެއް ސަރުކާރަށް ހުށައެޅުމަށް ވެސް އެ ވަފުދުން ވަނީ ކައުންސިލަށް އަންގާފަ އެވެ.

ތިނަދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ނިންމާފައިވާ ސަރަހައްދުން އާސާރީ ބިނާއެއް ފެނިފައި ވަނީ މިދިޔަ މަހު ކުރީ ކޮޅުގައި އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.