އިނގިލީގެ ނިޝާން ޖަހައިގެން ޕާޓީތަކުގެ މެމްބަރުންނަށް ވުމަށް އެދި ހުށަހެޅި ފޯމުތައް ސައްހަތޯ ބަލާ ނިމުމުން ނޫނީ އެއްވެސް ޕާޓީއަކުން މެމްބަރަކު ވަތްކެއް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމު މިއަދު "ސަން" އަށް ވިދާޅުވީ ޖެނުއަރީ އެކަކުން ފެށިގެން ފިންގާ ޕްރިންޓު ނެތް މެމްބަރުން ޕާޓީތަކުގައި ނުތިބޭނެ ކަމަށެވެ. އަދި އެގޮތަށް އިލެކްޝަނުން ނިންމާފައިވާނެ ކަމަށާއި އެކަން ޕާޓީތަކަށް ވެސް އަންގާފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ މިހާރު އަޅުގަނޑުމެން އަތުގައި ހުރި ފޯމުތައް ވެރިފައި ކުރަމުން. އެ ފޯމުތައް ބަލާ ނިމުމަށް ފަހު ނޫނީ އަޅުގަނޑުމެން ވަތްކެއް ނުކުރާނަން އެއްވެސް މެމްބަރަކު އެއްވެސް ޕާޓީއަކުންނެއް،" އަކްރަމް ވިދާޅުވި އެވެ.

ޕާޓީތަކުން ވަނީ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ފިންގަޕްރިންޓާ އެކު ފޯމު ހުށަހަޅާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެކަމުގެ ސަބަބުން އަދި މެމްބަރުންގެ އަދަދަށް އައި ބަދަލު ބުނެދޭން ދަތި ކަމަށެވެ.