02 Jan 2016, 12:12
ޓްރައިޕޮލީ (ޖެނުއަރީ 2): ލީބިޔާގެ ކުރީގެ ލީޑަރު، މުއައްމަރުލް ގައްޒާފީގެ ދަރިކަލުންނާ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ދަރިކަނބަލުން ކައިވެނި ކުރުވަން ގައްޒާފީ މަސައްކަތް ކުރެއްވި ކަމަށް ގައްޒާފީގެ ކުރީގެ އެޑްވައިޒަރަކު ވިދާޅުވެއްޖެ އެވެ.
ގައްޒާފީގެ ކުރީގެ އެޑްވައިޒަރު، މުހައްމަދު އަބްދުލް މުއްތަލިބު ވިދާޅުވި ގޮތުގައި ގައްޒާފީ ވަނީ ޕޫޓިންގެ ދެ ދަރިކަނބަލުންގެ ތެރެއިން އެއް ދަރިކަނބަލަކާ ގައްޒާފީގެ ދެވަނަ ދަރިކަލުން، ސައިފް އަލް އިސްލާމް ކައިވެނި ކުރެއްވުމާ ބެހޭ ގޮތުން ޕޫޓިންއާ ވާހަކަފުޅު ދައްކަވާފަ އެވެ. ގައްޒާފީ ބޭނުންފުޅުވީ އެ 'ސިޔާސީ' ކައިވެނީގެ ޒަރިއްޔާއިން ލީބިޔާއާ ރަޝީއާ ދެމެދު އޮތް ގުޅުންތައް ވަރުގަދަ ކުރައްވަން ކަމަށް މުހައްމަދު އަބްދުލް މުއްތަލިބު ވިދާޅުވި އެވެ.
"ގައްޒާފީ އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމުން ޕޫޓިން ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގެންނެވި. އަދި ޕޫޓިންގެ ދަރިކަނބަލުންނަށް ސައިފް އަލް އިސްލާމް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި،" މުހައްމަދު އަބްދުލް މުއްތަލިބު ވިދާޅުވި އެވެ.
ލީބިޔާގެ ރައްޔިތުން ވަނީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ތެދުވެ، 2011 ވަނަ އަހަރު އޭނާގެ ވެރިކަން ވައްޓާލައިފަ އެވެ. އަދި އޭނާގެ ދަރިކަލުން، ސައިފް އަލް އިސްލާމްގެ މައްޗަށް މި އަހަރުގެ ޖުލައި މަހު ވަނީ މަރުގެ ހުކުމްކޮށްފަ އެވެ.