02 Jan 2016, 12:00
ކ. މާފުށި ކައިރިން ދަތުރުކޮށްފައި ދިޔަ ލޯންޗަކާއި ޑައިވިން ދޯންޏެއް އެކްސިޑެންްޓުވެ މަރުވި އަންހެން ކުއްޖާއާ އޭނާގެ މަންމަގެ ހަށިގަނޑު ލަންކާއަށް ގެންގޮސްފި އެވެ.
އެ އެކްސިޑެންޓުގައި މަރުވެފައި ވަނީ 16 އަހަރުގެ ވިވިއަން ކިޔާ ކުއްޖަކާއި، އޭނާގެ މަންމަ ނިކޯލް ސާއީ، 42 އެކެވެ.
ވިވިއަންގެ ހަށިގަނޑު ލަންކާއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު އެވެ.
ވިވިއަންގެ ބައްޕަ އަދި ނިކޯލްގެ ކުރީގެ ފިރިމީހާ، ސްޓްފަން ޔަޕްއާ ހަވާލާދީ ސިންގަޕޫރުގެ ނޫހެއް ކަމަށްވާ، ދަ ނިއު ޕޭޕާގައި ބުނެފައި ވަނީ ވިވިއަންގެ ހަށިގަނޑު ބަލާ އޭނާ ރާއްޖެ އައީ ޑިސެމްބަރު 23 ވަނަ ދުވަހު ކަމަށެވެ.
އަދި ހަށިގަނޑު އަނބުރާ ގެންދިއުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ސްޓެފަން ބުނެފައިވެ އެވެ.
ސްޓެފަން ބުނި ގޮތުން، ވިވިއަން އާއި އޭނާގެ ކުރީގެ އަނބިމީހާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަކަން އޭނާއަށް ނުވެސް އެނގެ އެވެ. ނަމަވެސް ޗައިނާގެ އަންހެނަކާއި މެލޭޝިޔާގެ އަންހެން ކުއްޖަކު ރާއްޖޭގައި ހިނގި ލޯންޗު އެކްސިޑެންޓެއްގައި މަރުވި ހަބަރުތައް ފެތުރުމުން ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވި ކަމަށް ސްޓެފަން ބުންޏެވެ.
"އެންމެ ފުރަތަމަ އެ ހަބަރު ފެނުނީ އަހަރެންގެ ހަގު ދަރިފުޅަށް. ހަބަރުގައިވާ ގައުމާ ދެމީހުންގެ އުމުރު އަހަރެންގެ ދަރިފުޅާ ކުރީގެ އަނބިމީހާއާ ދިމާވިޔަސް އަހަރެން ހިތަށް އަރުވައިގެން ހުރީ އެއީ އިއްތިފާގެކޭ. ނަމަވެސް ދިވެހި ފުލުހުން ގުޅާފައި އެއީ އަހަރެންގެ ދަރިފުޅާ ކުރީގެ އަނބިމީހާ ކަމަށް ބުނުމުން ޔަގީންވީ. އެއީ ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން،" ސްޓެފަން އާ ހަވާލާދީ އެ ނޫހުގައި ވެ އެވެ.
ސްޓެފަން ބުނީ ދަރިފުޅުގެ ހަށިގަނޑު ބަލާ ރާއްޖެ އައި ދުވަސް ވެގެން ދިޔައީ މޯޗަރީ ބަންދު ދުވަހަކަށް ވުމުން، އެދުވަހު ވެސް ދަރިފުޅު ބަލާލުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ. ސްޓެފަން ރާއްޖެ އައިސްފައި ވަނީ ވިވިއަންގެ އުފަން ދުވަހު އެވެ.
"އަހަރެންނަށް ކުރެވުނު ހާވެސް ކަމަކީ ކުޑަ ކަޕް ކޭކެއް ގަނެ، އޭގައި އުއްބައްތިއެއް ޖަހައިގެން އަހަރެން ހުރި ހޮޓެލް ރޫމުގައި އިނުން،" އަސަރާ އެކު ސްޓެފަން ބުނެފައި ވާކަމަށްވެ އެވެ.
ވިވިއަން އާއި އޭނާގެ މަންމަ ރާއްޖެ އައީ ވިވިއަންގެ އުފަން ދުވަސް ފާހަގަކުރަން ކަމަށް އާއިލާ އިން ވަަނީ ބުނެފަ އެވެ. ޑައިވިނަށް އޭނާ ދިޔައީ 16 އަހަރު ފުރޭ އުފަން ދުވަސް އައުމުގެ ހަ ދުވަސް ކުރިންނެވެ.
ސްޓެފަން ބުނީ ރާއްޖޭގެ ރީތި ކަމުގެ ވާހަކަ އަކީ އެތައް ފަހަރަކު އަޑުއަހާފައިވާ ވާހަކަަތަކެއް ކަމަށެވެ. އަދި މަތިންދާބޯޓުގައި އިން އިރުވެސް ރާއްޖޭގެ ފުރިހަމަކަން ފެނުނު ކަމަށާއި ނަމަވެސް، ރާއްޖެ އާއި މިހާރު ގުޅިފައި ވަނީ ހިތި ހަނދާންތަކެއް ކަމަށެވެ.
ސްޓެފަން އާ އެކު އޭނާގެ ކުރީގެ އަނބިމީހާގެ އާއިލާ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އެ މީހުންނަށް ހަށިގަޑުތައް ފެނުނީ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ.
"ނިކޯލް އަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައި. ނަމަވެސް ވިވިއަން ހީވަނީ ނިދާލާފައި އޮތް ހެން،" ސްޓެފަން ބުނެފައިވެ އެވެ.
ދެ މީހުންގެ ހަށިގަނޑު ވެސް ލަންކާއަށް ގެންގޮސް މިހާރު ވަނީ އަންދާލައިފަ އެވެ.
ވިވިއަން އަކީ ރޯޔަލް ސްކޫލު އޮފް މިއުޒިކްގައި ގްރޭޑް އަށެއް ނިންމުމަށް ފަހު މިއުޒިކް އިން ޑިޕްލޮމާ ހެދުމަށް ތައްޔާރުވަމުން ދިޔަ ކުއްޖެއް ކަމަށް ވެއެވެ.
އެ އެކްސިޑެންޓު ހިނގީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސި 6:30 އެހާކަށްހާއިރު އެވެ. އެ ހާދިސާގައި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
އެކްސިޑެންޓު ހިނގި ވަގުތު ޑައިވިން ދޯނީގައި ހަ މީހަކު ތިއްބެވެ. އަދި ލޯންޗުގައި ހަތަރު މީހަކު ތިއްބެވެ. އެ ހާދިސާގައި މަރުވި ދެ މީހުން ފިޔަވައި އެހެން ބަޔަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.