02 Jan 2016, 12:02
އޮޑި ދޯނިފަހަރަށާއި ގޯތި ގެދޮރުގައި ތިބެގެން ސިހުރު ހަދަމުންދާ ކަމުގެ ތުހުމަތު ބޮޑުވެ، އެކަމުގެ އުނދަގޫ އާއްމު ރައްޔިތުންނަށް ފޯރަމުންދާތީވެ ތ. ވިލިފުށިން ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ކޯޓުން ކަމަށެވެ.
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ 48 އަހަރުގެ މީހަކާއި 56 އަހަރުގެ މީހެއްގެ އިތުރުން 58 އަހަރުގެ މީހެކެވެ.
އެނގިފައިވާ ގޮތުގައި އެ ތިން މީހުންގެ ތެރޭގައި ވިލިފުށި ކައުންސިލުގެ ޒިންމާދާރު ވެރިޔާ ވެސް ހިމެނެ އެވެ. ވިލިފުށި ކައުންސިލުން "ސަން" އަށް ވަނީ އެ ތިން މީހުންގެ ތެރޭގައި ކައުންސިލުގެ ޒިންމާދާރު ވެރިޔާ ހައްޔަރުކުރިކަން ޔަގީންކޮށްދީފަ އެވެ.