02 Jan 2016, 11:36
ސޫރިޔާ ހަނގުރާމައިގައި މިދިޔަ ޑިސެމްބަރު މަހު އެކަނި ވެސް 4600 މީހުން މަރުވި ކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް އެހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް(އެސްއޯއެޗްއާރް) އިން ބުނެފި އެވެ.
އެޖަމާއަތުގެ ވެބްސައިޓްގައި އިއްޔެ ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މަރުވި 4600 މީހުންގެ ތެރެއިން 1329 މީހުންނަކީ އާއްމުންނެވެ. އަދި އޭގެ ތެރޭގައި 288 ކުޑަކުދިންނާއި 196 އަންހެނުން ވެސް ހިމެނެ އެވެ.
މަރުވި މީހުންގެ ތެރެއިން 1145 މީހުންނަކީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުއް ނުސްރާ އާއި ޖައިޝުލް މުހާރިޖީން ވަލް އަންސާރް އާއި އިސްލާމީ އެހެން ފެކްޝަންތަކުގެ މީހުންނެވެ. އަދި ކުރުދީންގެ ވައިޕީޖީ ޖަމާއަތަށް ނިސްބަތްވާ 711 މީހަކާއި ސޫރިޔާ ސަރުކާރުގެ ސިފައިންގެ 671 މީހަކާއި ހައްދުފަހަނައަޅާފައިވާ ޝިޔައީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އަށް ނިސްބަތްވާ 17 މީހަކު ވެސް ޑިސެމްބަރު މަހު މަރުވި ކަމަށް އެސްއޯއެޗްއާރް އިން ރެކޯޑްކޮށްފައިވެ އެވެ.
އެޖަމާއަތުން ބުނެފައި ވަނީ ގޮތުގައި ބައެއް ސަރަހައްދުތަކަށް ވާސިލު ނުވެވޭތީ މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރުކަމާއި އެކު ބެލިފައި ނުވާ ކަމަށެވެ.