ވިހައިގެން އުޅޭ ތުއްތު ކުދިން ރޮނީ ކީއްވެކަން ނުވަތަ ކޮން ބޭނުމަކު ކަން ދެނެގަނެވޭނެ އެޕްލިކޭޝަނެއް ޓައިވާނުގެ ގައުމީ ޔުނިވާސިޓީ ހޮސްޕިޓަލުން އުފައްދައިފި އެވެ.

"ދަ އިންފެންޓް ކުރައިސް ޓުރާންސްލޭޓާ"ގެ ނަމުގައި އުފެއްދި އެ އެޕްލިކޭޝަނުގެ އެހީގައި ދަރިފުޅު ރުއިމުގެ ހަތަރު ސަބަބެއް ދެނެގަނެވޭނެ ކަަމަށް އެކަމުގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ ޗަންގު ޗުއަން ޔޫ އާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

"ދަ އިންފެންޓް ކުރައިސް ޓުރާންސްލޭޓާ" އިން ބުނެދޭނެ ދަރިފުޅު ރޮނީ ބަނޑުހައި ވެގެންތޯ، ނެޕީ ބަދަލު ކުރަން ތޯ ނޫނީ ތަނަކަށް ތަދުވެގެން ނުވަތަ ނިދިއައިސްގެންތޯ"، ޗަންގު ޗުއަން އާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ދަރިފުޅުގެ ރުއިމުގެ އަޑު ރިކޯޑު ކުރަން ޖެހެނީ އެ އެޕްލިކޭޝަންގައި އިންނަ ރިކޯޑަރު ބޭނުން ކޮށްގެނެވެ.

އެޕްލިކޭޝަނުގެ ރިކޯޑު ބަޓަނަށް 10 ސިކުންތު ވަންދެން ފިއްތާލައިގެން ހުރުމުން، ރުއިމުގެ އަޑު ރިކޯޑުކޮށް ކުލައުޑު ޑުރައިވް އަށް އަޕްލޯޑު ކުރެ އެވެ. އަދި 15 ސިކުންތު ތެރޭގައި ދަރިފުޅު ރޮނީ ކީއްވެކަން އަންގައިދޭ މެސެޖެއް ފޯނަށް ފޮނުވައިދެ އެވެ.

ހަމަސް ނުފުރޭ ކުޑަކުދިންނަށް ހާއްސަ އެ އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭއިން ޑައުންލޯޑު ކުރެވޭނެ އެވެ.