މީހުން މަރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނޫނީ ގައުމުގައި ނާމާންކަން މިހާރު އޮތް ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މަރަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު މިއަދު ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދައްކަވަމުން، މަޖިލީހުގެ މެންބަރުން ވިދާޅުވީ، ގައުމުގައި މާރާމާރީ އާއި މީހުން މެރުން އާއްމު ވެފައި ވަނީ ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް އެފަދަ ހަމަލާއެއް ދީފާނެ ހާލަތެއްގައި ކަމަށެވެ. އަދި އިސްލާމް ދީނުގައި މަރަށް މަރުގެ އަދަބު ކަނޑައެޅިފައި ވުމާއި ޒަމާނީ ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި ވެސް އެ ހުކުމް ތަންފީޒު ކުރަމުންދާ އިރު ރާއްޖޭގައި އެ ހުކުމް ތަންފީޒު ނުކުރަންވީ ސަބަބެއް ނެތް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"ދެހާސް ނުވަ ވަނަ އަހަރުގައި އެމެރިކާގައި 52 މީހުންގެ ބޯ ކަނޑާފައިވޭ. ސައުދީގައި 69 މީހުންގެ ބޯ ކަނޑާފައި ވަނީ. މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި. ހަމައެކަނި މީހަކު މަރައިފި މީހަކަށް ނޫން މަރުގެ އަދަބު ދެނީ. އޭގެ ތެރޭގައި ޑްރަގް ވިޔަފާރި ކުރުން، ގައުމުގެ ސިއްރުތައް ބޭޒާރުކުރުން، ގައުމަށް ހިޔާނާތްތެރިވުން، ހިމެނޭ. އެހެންވީމާ އިސްލާމް ދީނުގައި ތިބެގެން އަޅުގަނޑުމެން ކުރިއަރުވަން ޖެހޭނީ އިސްލާމްދީން،" ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވިދާޅުވީ، މަރަށް މަރުގެ އަދަބު ކަނޑަނާޅައި ގައުމުގައި ތިބި ޒުވާނުން ވެސް ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް، އެޅޭ ހުރަހަކީ ފަނޑިޔާރުންގެ ގާބިލްކަން ނެތުން ކަމަށް ވިދާޅުވެ ބައެއް މެންބަރުން ދައްކަވާ ހުއްޖަތަކީ ގަބޫލު ކުރެވޭ އެއްޗެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްލާމް ދީނުގައި މަރަށް މަރުގެ އަދަބު ކަނޑައަޅަން ވަނީ އަންގަވާފައި. އެހެންކަމުން ގައުމު މިހާރު އޮތް ހާލަތުން ސަލާމަތްކޮށް ޒުވާނުން ސަލާމްކުރަން ބޭނުން ނަމަ މަރުގެ ހުކުމް ތަންފީޒު ކުރަން އެބަޖެހޭ. އަދި އެކަމަށް އޮތް ހުއްޖަތަކީ ފަނޑިޔާރުންގެ ގާބިލްކަން ނެތުމޭ ބުނެ ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭ. މަރުގެ ހުކުމް ކަނޑައެޅުމަށް އޮންނަނީ އެއްވެސް ޝައްކެއްނެތި. އަޅުގަނޑު ހުރިހާ މެންބަރުންނަށް އާދޭހާ އެކު ދަންނަވަން މި ބިލު ފާސްކޮށްދެއްވުމަށް،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު އަދި ވިދާޅުވީ މިފަދަ ކަމެއް ކުރާއިރު ފަނޑިޔާރުންނަށް ފުރި ހަމަ ރައްކާތެރިކަން ދޭން ޖެހޭ ކަމަށެވެ.
މީގެ ކުރިން ވެސް މަރަށް މަރުގެ އަދަބު ދިނުމަށް ހުށަހެޅި އިސްލާހަކަށް މަޖުލީހުގެ ތަޅުމުގައި ވަނީ ބަހުސް ކޮށްފަ އެވެ. ނަމަވެސް އެ ބިލަށް ވޯޓަށް އެހުމުގެ މަރުހަލާ އައުމުން ބިލު ހުށަހެޅި މެންބަރު ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ވަނީ ބިލް އަނބުރައި ގެންދަވައިފަ އެވެ.

މިއަދުގެ ޖަލްސާގައި މުއްތަލިބު ހުށަހަޅުއްވާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަހްމަދު ރަޝީދު ވިދާޅުވީ، އޭނާ ހުށަހެޅުއްވި ބިލު އަނބުރާ ގެންދެވީ، މަޖިލީހުން ނިންމަން ޖެހޭ މަސައްކަތްތަކެއް ނުނިމި ހުރުމާއި ޖިނާއީ އިޖުރާތުގެ ނިޒާމަށް އަންނަން ޖެހޭ ބަދަލުތަކެއް އައުމުގެ ކުރިން، އެ އިސްލާހް ފާސްވެއްޖެ ނަމަ ކުށް ކުރާ މީހުންގެ ބަދަލުގައި އެހެން ބަޔަކަށް އަދަބު ދެވިދާނެތީ ކަމަށެވެ.