02 Jan 2016, 10:50
ދުނިޔޭގެ ހުރިހާ އެންމެންނަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ފޭސްބުކް އިން ކުރިއަށް ގެންދާ "ފްރީ ބޭސިކްސް" ހިދުމަތް މިސްރުގައި މިދިޔަ ބުރާސްފަތި ދުވަހު މެދު ކަނޑާލައިފި އެވެ.
އިންޓަނެޓް ސާވިސް ޕްރޮވައިޑާ މެދުވެރިކޮށް ވަކި ދާއިރާތަކަކާ ގުޅޭ ގޮތުން ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމަށް ފޭސްބުކް އިން ތައާރަފު ކުރި އެ ހިދުމަތް މިސްރުން މެދު ކަނޑާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
"އެސޯސިއޭޓެޑް ޕްރެސް (އޭޕީ)" އިން ބުނެފައި ވަނީ އެ ހިދުމަތް މިސްރުން މެދުކަނޑާލާފައި ވަނީ ފޭސްބުކުން ފުރިހަމަ ކުރަން ޖެހޭ ޕާމިޓްތައް ފުރިހަމަ ކޮށްފައި ނުވުމުން ކަމަށެވެ. މިސްރުގެ ސަރުކާރުން ބުނީ އެ މެދުކަނޑާލުމުގެ ފަހަތުގައި ސެކިއުރިޓީގެ މައްސަލައެއް ނޫޅޭ ކަމަށެވެ.
އެ ހިދުމަތް މީގެ ދެމަސް ކުރިން މިސްރުގައި ތައާރަފު ކުރި ފަހުން ގާތްގަނޑަކަށް އެއް މިލިއަނަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ ފްރީ ބޭސިކް އިންޓަނެޓްގެ ހިދުމަތް ލިބިފައި ކަމަށް ފޭސްބުކް އިން ބުންޏެވެ.
ހެ ހިދުމަތް އަނބުރާ މިސްރުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ފޭސްބުކުން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިސްރުގެ އިތުރުން އިންޑިއާގައި ވެސް ފްރީ ބޭސިކްގެ ހިދުމަތް ދޭން ފެށުމަށް ފަހު ވަނީ މެދުކަނޑާލައިފަ އެވެ. އިންޑިއާގެ ޓެލެކޮމް ރެގިއުލޭޓަރުން އެ ހިދުމަތް މެދުކަނޑާލާފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.
ކުރިއަރަމުން އަންނަ އިގްތިޞާދުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން ފްރީ ބޭސިކްސް ވަނީ މިދިޔަ އޮކްޓޯބަރު މަހުގައި ތައާރަފުކޮށްފަ އެވެ. އެ ހިދުމްތަ މިހާރު ދުނިޔޭގެ 37 ގައުމަކަށް އަންނަނީ ފޯރުކޮށްދެމުންނެވެ.