ޖަޕާނުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ޖަޕާނާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މުޅިން އާ ސަފްހާއެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވެއްޖެ އެވެ.

ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އިއްޔެ ބުނެފައި ވަނީ ޖަޕާނުގެ އެމްބަސީއެއް ރާއްޖޭގައި އިއްޔެ ހުޅުވާފައިވާ ކަމަށާއި އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން މުޅިން އެހެން ފެންވަރަކަށް ބަދަލުވެގެން ދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެމްބަސީ ހުޅުވީ މާލޭގެ ކޮންތަނެއްގައި ކަމެއް، ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ކޮން ބޭފުޅުންނެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ޖަޕާނުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވި ހުޅުވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެފައި ވަނީ އެއީ ހަމަ އެކަނި ޖަޕާނާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަވިކަން އަންގައިދޭ ކަމެއް ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ސިޔާސަތުތަކަށް ބައިނަލް އަގުވާމީ މުޖުތަމައުން ރުހޭ ކަމުގެ ތައްގަނޑު ވެސް އެކަމުގެ ސަބަބުން ޖެހިގެން ދާނެ ކަމަށް ދުންޔާ ވިދާޅުވެފައިވެ އެވެ.

އެމްބަސީ ހުޅުވުމާ ގުޅިގެން ފޮރިން މިނިސްޓަރު ދުންޔާ ވަނީ ޖަޕާނު ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރާއްޖެއަށް ގިނަ ދާއިރާތަކަކުން ބޮޑެތި އެހީތަކެއް ވަމުން އަންނަ، ޖަޕާނުން މީގެ ކުރިން ރާއްޖެއާ މުއާމަލާތްކުރަމުން އައީ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އެގައުމުގެ އެމްބަސީ މެދުވެރިކޮށެވެ. ނަމަވެސް ރާއްޖޭގެ ރެސިޑެންޓް އެމްބަސީއެއް ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި 2007 ވަނަ އަހަރުން ފެށިގެން އަންނަނީ ހިންގަމުންނެވެ.