02 Jan 2016, 11:03
ބީލަން އުސޫލުން ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ރަށްތަކުގެ ތެރެއިން އެއް ރަށް ލިސްޓުން އުނިކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ކޮށްފައިވަ އިއުލާނެއްގައި ބުނީ ވަރުވާ އަށް ދޫކުރުމަށް އެ މިނިސްޓްރީ އިން އިއުލާނުކުރި 28 ރަށުގެ ތެރޭގައި ހިމެނޭ ރ. ބޮޑުފުށި ވަރުވާއަށް ދޫކުރާކަމަށް ބަޔާންކުރެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.
ރ. ބޮޑުފުއްޓަކީ ފަތުރުވެރިކަން ތަރައްގީކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެކެވެ. އެހެން ކަމުން ކުރިން ކުރި އިއުލާނުން ރ. ބޮޑުފުށި އުނިކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
ފިޝަރީޒުން ބުނީ ވަރުވާ ރަށްތަކުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.
ބިޑް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24ވަނަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ވަރުވާ އަށް ދޫކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނީ ރ. އަތޮޅުގެ ރަށްތަކެވެ. އެގޮތުން ވަރުވާ އަށް ދޫކުރާ 28 ރަށުގެ ތެރެއިން 26 ރަށެއް ދޫކުރާ ގޮތަށް ނިންމާފައި ވަނީ ރ. އަތޮޅުން ނެވެ. ބާކީ އޮތް ދެ ރަށް ދޫކުރާ ގޮތަށް ނިންމާފައި ވަނީ ވ. އަތޮޅުން ނެވެ.