ދުނިޔޭގެ ލީޑަރުން މީލާދީ އައު އަހަރާމެދު ކުރާ އުންމީދުތައް ވަރަށް ތަފާތެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންގެ ތެރެއިން ބައެއް ލީޑަރުންގެ އައު އަހަރުގެ އުންމީދަކީ ޓެރަރިޒަމާ ހަނގުރާމަކުރުމުގައި ކާމިޔާބު ހޯދުންކަމަށްވާއިރު އަނެއްބައި ލީޑަރުންގެ އުންމީދަކީ ދާޚިލީ ކަންކަން ރަނގަނޅުކޮށް ރައްޔިތުންގެ ތާއީދު އިތުރު ކުރުމެވެ.

ރަޝިޔާގެ ރައީސް ވަލްޑިމިއާ ޕޫޓިންގެ އައު އަހަރުގެ އުންމީދަކީ ރަޝިޔާގެ ބާރުތަކުން ސޫރިޔާގައި ހިންގާ ހަނގުރާމަ ކާމިޔާބުވުމެވެ. މީލާދީ އައު އަހަރުގެ މުނާސަބުގައި ރަޝިޔާގެ ރައްޔިތުންނަށް ދެއްވި މެސެޖްގައި ޕޫޓިންވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންނަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. އެމީހުން ސޫރިޔާގައި ހަނގުރާމަ ކުރަނީ ޓެރަރިޒަމާ ދެކޮޅަށްކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ރަޝިޔާ އިން ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގެންފައި ވަނީ 2015 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް މީލާދީ އައު އަހަރުގެ މުނާސަބުގައި ފަރަންސޭސި ރައްޔިތުންނަށް ދެއްވި މެސެޖްގައި ވެސް އިސްކަން ދެއްވާފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އޭނާގެ ސަރުކާރުން ސޫރިޔާއަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކަށެވެ. އޮލާންދް ވިދާޅުވީ އޭނާގެ ގައުމަކީ 2015 ވަނަ އަހަރު ޓެރަރިޒަމްގެ ޝިކާރައަކަށްވި ގައުމެއްކަމަށާ ޓެރަރިޒަމްގެ ބިރުވެރިން އަދިވެސް ފިލައިގެން ނުދާކަމުގަ އެވެ. އެހެންކަމުން 2016 ގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޓެރަރިޒަމްގެ ހަރަކާތްތައް ބަލިކޮށް ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށްކަމަށް އޮލާންދް ވިދާޅުވި އެވެ.
މިއީ 2017ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ އިންތިޚާބަށް ފޯކަސް ކުރައްވައިގެން އޮލާންދް ދެއްވި މެސެޖެއްކަމަށްވަނީ ބެލެވިފަ އެވެ. މިދިޔަ އަހަރު އައިއެސް ޖަމާއަތުގެ ޓެރަރިސްޓް ހަމަލާތަކެއް ފަރަންސޭސިވިލާތަށް އަމާޒުވި އިރު އޮލާންދްގެ މަގްބޫލުކަން އެގައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ވިދާޅުވީ 2016 ވަނަ އަހަރުގައި އޭނާގެ ގައުމު އިސްކަންދޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގްތިސާދު ރަނގަނޅު ކުރުމަށް ކަމުގަ އެވެ. އަދި ބޭރު ގައުމެއްގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެއްވެސް ސިފައެއްގައި ޖަޕާނުން ނުވަނުމަށް ވެސް އަބޭ ވައުދުވެވަޑައިގެންނެވި އެވެ. ބޭރު ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ހުޅަނގުގެ ގައުމުތައް ވަންނަގޮތަށް ޖަޕަނާއި ޗައިނާ ފަދަ ގައުމުތައް ނުވަންނާތީ ޓެރަރިސްޓުންގެ ނުރައްކާތައް އެގައުމުތަކަށް ކުރިމައްޗެއް ނުވެއެވެ.

ބޭރު ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ހުޅަނގުގެ ގައުމުތައް ދަނީ ފިކުރީގޮތުން ވެސް ވަންނަމުންނެވެ. މިގޮތުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ގައުމުތަކުގެ ކަންތައްތައް ބަދަލުކޮށް ހަމަނުޖެހުންއުފެއްދުމަށާއި ހުޅަނގުގެ ހައްދު ފަހަނަޅާފައިވާ ލާދީނީ އަދި ލާ އަޚްލާގީ ފިކުރުތައް އެކްސްޕޯޓް ކުރުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން މަސައްކަތް ކުރަމުން ގެންދެ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ، މީލާދީ އައު އަހަރުގެ މުނާސަބުގައި އެމެރިކާގެ ރައްޔިތުންނަށް ދެއްވި މެސެޖްގައިވެސް އިސްކަން ދެއްވާފައިވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުންފަދަ ހަރުކަށިއަމަލުތައް ކުރިޔަށް ގެންދިޔުމުގެ މައްޗަށެވެ. އެމެރިކާއަކީ އިރާގު ސޫރިޔާ އަދި އަފްޣާނިސްތާނަށް އަސްކަރީ ގޮތުން ވަދެގެންފައިވާ ގައުމެކެވެ. މިކަމުގެ ސަބަބުން 2016 ވަނަ އަހަރު އެމެރިކާގެ އިގްތިސާދު ދަށަށްދާނެކަމަށް ލަފާކުރުންތައް ބުނެއެވެ.

ޖަރުމަނުގެ ޗާނެސެލަރ އެންގެލާ މާކަލް މީލާދީ އައު އަހަރުގެ މުނާސަބުގައި ޖަރުމަނުގެ ރައްޔިތުންނަށް ދެއްވި މެސެޖްގައި އިސްކަން ދެއްވާފައިވަނީ އެގައުމުގައި ދިރިއުޅޭ ބޭރުމީހުންނަށާއި ރެފިއުޖީންގެ ގޮތުގައި އެގައުމަށް ހިޖްކުރި މީހުންނަށް އިހްތިރާމްކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރެއްވުމަށެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޖަރުމަނުން ވަނީ ސޫރިޔާގައި ޙާލުގައި ޖެހިފައިވާ ރައްޔިތުންގެ ތެރެއިން 500،000 މީހުންނަށް އެގައުމަށް ހިޖްރަ ކުރުމުގެ ފުރްސަތު ދީފަ އެވެ.

ޖަރުމަނުން މިފުރްސަތު ސޫރިޔާގެ ރައްޔިތުންނަށް ދިންއިރު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ އިންސާނީ ހައްގުތަކުގެ ނަމުގައި "އަޑުގަދަކުރާ" ގައުމުތަކުން އެގައުމަށް ހިޖްރަކުރުމަށް ސޫރިޔާގެ ވިއްސަކަށް ހާސް ރެފިއުޖީންނަށް ވެސް ފުރްސަތު ދީފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)