02 Jan 2016, 10:10
ރާއްޖޭގެ ރަށެއްގައި ބަކަރި ކޮށިތަކެއް ގާއިމްކޮށްދީ ބަކަރި ގެންގުޅުމަށް ސަރުކާރުން އެހީތެރިވުމުގެ ގޮތުން އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދައި، ކާނާގެ ބާވަތްތައް ލިބޭނެމަގު ތަނަވަސްކޮށްދީ ކާނާގެ ޔަގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރި އުސޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށި ގާއިމުކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީ×ން ބުންޏެވެ.
އެ ޕްރޮގްރާމުގެ ދަށުން ޕްރޮގްރާމް ހިންގާ ރަށުގެ ދަނޑުވެރިންނަށް ބަކަރި ގެންގުޅުމާގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
ބަކަރި ގެންގުޅުމުގެ ޕްރޮގުރާމު ހިންގައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެ ރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލައިފަ އެވެ.
ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
ފިޝަރީޒުން ބުނީ ބަކަރި ކޮށި ގާއިމު ކުރުމަށް މީހުން އުޅޭ ހިސާބާ ގާތްގަނޑަކަށް 100 މީޓަރު ދުރުން އެކަށީގެންވާވަރުގެ ބިމެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެ ބިމަކީ ކޮންމެވެސް ވަރަކަށް ދިވެހި ރުއް ހުރި ބިމަކަށް ވެސް ވާންޖެހޭނެ ކަމަށާއި ބަކަރި ކާން ބޭނުންވާ ފަތްޕިލާވެލި އުފެއްދޭނެ ފަދަ ބިމަކަށް އެ ބިން ވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ބަކަރި ގެންގުޅުމުގެ ޕްރޮގުރާމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެ ޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ފުރުމަށް ފަހު މި މަހުގެ 27ވަނަ ދުވަހު 2:00ގެ ކުރިން ފިޝަރީޒް މިނިސްޓްރީ އަށް ހުށަހަޅުއްވަންޖެހެ އެވެ.