02 Jan 2016, 09:23
މަޖީދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ހޯލެއްގެ މަސައްކަތް ޑިޒައިން އަދި ބިލްޑް އުސޫލުން ކުރުމަށް ބަޔަކު ހޯދުމަށް ޓަކައި ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވަ އިއުލާނެއްގައި ބީލަމުގައި ބައިވެރިވެވޭނީ، ހައުސިންގް މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން، ވަކި ގްރޭޑުތަކަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 14ވަނަ ދުވަހަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ކަމަށް ވެސް ފިނޭންސްގެ އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި އެ ލިޔުން ވާންޖެހޭނީ، ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 ދުވަހަށް ވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށް ކަމަށް ވެސް ފިނޭންސް މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
މަޖީދިއްޔާ ސްކޫލުގައި އާ ކްލާސްރޫމުތަކާއި ހޯލް އެޅުމަށް ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 75،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބިގެންދާނެ ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު 11:00 ގައި ކަމަށެވެ.