ޑޮލަރު ގަނެ ވިއްކާ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދުގެ އަގެއްގައި ހަމަޖެއްސުމުގެ ހުއްދަ ސަރުކާރުން ދިނުމާ ގުޅިގެން ހުރިހާ ބޭންކުތަކުން ޑޮލަރު ވިއްކާ އަގު ބޮޑުކޮށްފައިވާ އިރު، ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވެސް ޑޮލަރު އެންމެ ބޮޑު އަގުގައި ވިއްކަމުން އެބަދެ އެވެ.

އިއްޔެ އާއި މިއަދު ވެސް ބީއެމްއެލް އިން ޑޮލަރު ވިއްކީ އެންމެ ބޮޑުވެގެން ޑޮލަރު ވިއްކޭނެ ކަމަށް ކަނޑައަޅާ އަދަދު ކަމުގައިވާ 15.42ރ. އަށެވެ. މިއަދު ޑޮލަރު ގަންނަނީ އިއްޔެ ވެސް ގަތް އަގު، 14.42ރ. އަށެވެ.

ހަމަ 15.42ރ. ގައި ޑޮލަރު ދެން ވިއްކަނީ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިންނެވެ. ނަމަވެސް އެބޭންކުން ޑޮލަރު ގަންނަނީ 13.50ރ. އަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ޑޮލަރެއް 13.95ރ. ވިއްކި އިރު ޑޮލަރެއް ގަންނަމުން އައީ 13.80ރ. ގެ ރޭޓުންނެވެ.

އަދި ޕާކިސްތާނަށް ނިސްބަތްވާ ހަބީބް ބޭންކުގައި ޑޮލަރު ގަންނަނީ 13.65ރ. އަށެވެ. ވިއްކަނީ 13.80ރ. އަށެވެ.

ބޭންކް އޮފް ސިލޯނުން މިއަދު ޑޮލަރު ގަނެވިއްކަނީ ކުރިން ވެސް ވިއްކަމުންދިޔަ އަގުގަ އެވެ. އެގޮތުން އެ ބޭންކުރުން 13.60ރ. އަށް ޑޮލަރު ގަންނައިރު، ވިއްކަނީ 14.45ރ. ގެ ރޭޓުންނެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ޑޮލަރު ގަނެ ވިއްކާ ރަސްމީ އަގަކީ 10.28ރ. އާއި 15.42ރ. އާ ދެމެދުގެ އަގެއްކަމުގައި ކަނޑައަޅައި، އެ ރޭންޖުގެ ތެރެއިން ކޮންމެ އަގެއްގައިވެސް ޑޮލަރު ގަނެވިއްކުމުގެ ހުއްދަ ދީފަ އެވެ. އެ ނިންމުމާ ގުޅިގެން ހުރިހާ ބޭންކުތަކުން ވެސް ވަނީ ކުރިން ޑޮލަރު ވިއްކަމުންދިޔަ 12.85 ގެ ރޭޓަށްވުރެ މަތިން ޑޮލަރު ވިއްކަން ފަށައިފަ އެވެ.

ސަރުކާރުން ޑޮލަރުގެ އަގަށް އެ ބަދަލު ގެނެސްފައިވަނީ ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަށެވެ. އެންމެފަހުން ކަޅުބާޒާރުގައި ޑޮލަރު ވިއްކާފައި ވަނީ 14 ރުފިޔާ އާއި 15 ރުފިޔާގަ އެވެ. ނަމަވެސް، މިހާރު ގިނަ ބޭންކުތަކުން ޑޮލަރު ވިއްކަމުން ދަނީ ވެސް އެ ރޭޓުގަ އެވެ. އަދި ބޭންކުތަކުން ޑޮލަރު ވިއްކާ އަދަދު އިތުރުކޮށްފައިވާ ކަމެއް ވެސް އަދި ނޭގެ އެވެ.

ބީއެމްއެލް އިން 15.42ރ. އަށް ޑޮލަރެއް ވިއްކަމުންދާއިރު ކުރިއެކޭ ވެސް އެއްގޮތަށް ބީއެމްއެލް މީހަކަށް ވިއްކަނީ 100 ޑޮލަރެވެ. އަދި އެހެން ބޭންކުތަކުން ވެސް ޑޮލަރުގެ ރޭޓް ކަނޑައެޅިއަސް ޑޮލަރު ބޭނުން ވަރަކަށް ގަންނަން ނުލިބޭ ކަމަށް ބައެއް މީހުން ބުނެ އެވެ.