02 Jan 2016, 09:38
ޕަންޖާބު (ޖަނަވަރީ 2) : ހަތިޔާރު އަޅައިގެންތިބި ބަޔަކު އިންޑިއާގެ ޕަންޖާބުގައިވާ އިންޑިއާ ސިފައިންގެ ވައިގެ ބޭހަކަށް ކުއްލި ޙަމަލާތަކެއްދީފިކަން އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.
ޕަންޖާބުގެ ޕަޓަންޚުޓް ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ކެންވާ ވިޖޭ ޕްރަތާބް އާ ޙަވާލާދީ އިންޑިޢާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން ޕަންޖާބުގެ ޕަޓަންޚުޓް ގައިވާ އިންޑިއާ ސިފައިންގެ ވައިގެ ބޭހަށް ޙަމަލާދިނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ގޮތްނޭނގޭ ބައެއްކަމަށާއި އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ސިފައިން ދިން ޙަމަލާތަކުގައި ހަތިޔާރުއެޅި މީހުންގެ ތެރެއިން ދެމީހުން މަރުވެފައިވާކަމުގަ އެވެ. ނަމަވެސް ބާކީ ތިބިމީހުން އަދިވެސް ތިބީ ވައިގެ ބޭހުގެ އެކިހިސާބުތަކުގައި ފިލައިކަމަށް ވެސް ވިޖޭ ވިދާޅުވި އެވެ.
އެޙަމަލާތައް ދިން އިރު މި ވައިގެ ބޭހުގައި އިންޑިއާގެ އަސްކަރީ ފައިޓަރޖެޓްތައް ވެސް ހުރިކަމަށްވެ އެވެ. ނަމަވެސް މިތަކެއްޗަށް ގެއްލުމެއްނުވާކަމަށް ވެ އެވެ. ފިލައިތިބި ހަނގުރާމަވެރިން މަރާލުމަށް ނޫނީ އެމީހުން ހައްޔަރުކުރުމަށް އިންޑިއާ ސިފައިންނާއި ޕަންޖާބުގެ ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމަށާ އަދި ވެސް ޙަމަލާތައް ބަދަލުކުރަމުން ގެންދާކަމަށް ޚަބަރުތައް ބުނެ އެވެ.
މިދިޔަ ހަފްތާގައި އިންޑިއާއާއި ޕާކިސްތާނުންވަނީ ދެގައުމުގެ ދެމެދުގައި ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް އެއްބަސްވެފަ އެވެ. އަދި ދެގައުމުގެ ބޮޑުވަޒީރުންވެސްވަނީ ކުއްލި ގޮތަކަށް ބައްދަލުކުރައްވާފަ އެވެ. (ރޮއިޓާސް)