02 Jan 2016, 09:41
ރާއްޖޭގެ ރަށްރަށުގައި ކުންފުނިތަކުން ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރަމުން އަންނަ އިރު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ ރިޕޯޓު)އާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އީއައިއޭ ރިޕޯޓާ ހިލާފަށް ހަވާލު ކުރެވިފައިވާ މަސައްކަތުގެ ބޭރުން ތިމާވެށްޓަށް ގެއްލުންވާ ފަދަ އެކިއެކި މަސައްކަތްތައް ބައެއް ފަރާތްތަކުން ކުރަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިގޮތުން އެކި ފަރާތްތަކުގެ އެދުމުގެ މަތީން ރަށްރަށުގައި ކުނި ވަޅުލައިދިނުމާއި، ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި، ފަޅު ފުންކޮށްދިނުމާއި ހިއްކައިދިނުން ފަދަ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ފޯރާ ފަދަ އެކިއެކި މަސައްކަތްތައް ކޮންޓްރެކްޓަރުން ކުރަމުންދެއެވެ." އީޕީއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އީޕީއޭ އިން ބުނީ އެކަންކަމުގެ ފުރިހަމަ ޒިންމާ ކޮންޓްރެކްޓަރުންނާއި ރަށްރަށުގައި މަޝްރޫޢުތައް ހިންގުން ހަވާލުކުރާ ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކުރާ އިރު އެ މަސައްކަތް ކޮންޓްރެކްޓަރުން ކުރަމުން ދަނީ އީއައިއޭ ރިޕޯޓާއި އެއްގޮތަށްތޯ ބަލަންޖެހޭނެ ކަމަށް ވެސް އީޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އަދި، އީއައިއޭ ރިޕޯޓާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު މިއޭޖެންސީ އިން އެންމެ ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ" ބަޔާނުގައި ބުނެފައިވެ އެވެ.