04 Jan 2016, 09:49
ޓްރިވެންޑްރަމް، އިންޑިއާ (2 ޖެނުއަރީ) -"މީނާއްތާ ހަކުރު ކޮޅެއް ދިއްކޮށްލަބަލަ؟ މީނާއްތާ ސައިތަށި ތަންކޮޅެއް ފޮނި މަޑު ހަކުރުކޮޅަކާ ސަމްސަލަކާ ދިއްކޮށްލަބަލަ،" ޓުރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ ކުޑަވަރެއްގެ "ކަޑަ"އެއްގެ ތެރޭގައި ތިބި އުމުރުން ގާތްގަނޑަކަށް 15 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގޮވާލި އެވެ. ހަމަ އެއާ އެކު، ބަދިގެ ތެރޭގައި ރޮށިފިހަން ހުރި އަންހެނަކު، އެކުއްޖާގެ ގާތަށް ޖެހިލާފައި ހަކުރު އަޅާފައި ހުރި ތައްޓަކާ ސަމްސަލަކާ ދިއްކޮށްލި އެވެ.
އުމުރުން 49 އަހަރުގެ ޖޭ ލަކްޝްމީ (މީނާ) އާއި އޭނާގެ ފިރިމީހާ، އެމް. ސްރީ ކުމާރު (ބޭބެ)، 53އ، ބުނި ގޮތުގައި އެ ދެމަފިރީންގެ ހޮޓަލަށް ކާން އަންނަ ކަސްޓަމަރުންގެ 100 ޕަސެންޓް މީހުންނަކީ ޓުރިވެންޑްރަމަށް ޗުއްޓީ ހޭދަކޮށްލުމަށް ނުވަތަ ބޭސްފަރުވާއަށް ނުވަތަ އެފަދަ ކޮންމެވެސް ކަމެއްގައި އައިސްއުޅޭ ދިވެހީންނެވެ. އެތަނަށް އަލަށް ޒިޔާރާތްކުރާ ދިވެއްސަކު ފިޔަވައި ކުރީން ވަދެއުޅުނު މީހަކު ވެއްޖިއްޔާ ފުރަތަމަވެސް އެތަނަށް އަންނަގޮތަށް "ސިސްޓާ ކިހިނެއްތަ؟" ނޫނީ "މީނާއްތާ ކޯއްޗެއް ކާންހުރީ ހުރީ؟"، "ބޭބޭ ކޮބާ ރަނގަޅު އެއްޗެއް ތައްޔާރުކޮށްލަމާ؟" ވަރަށް ގާތް ބަޔަކާ މުހާތަބުކުރާ އުސޫލުން މިފަދަ ކޮންމެވެސް ގޮވެލިފައްޗެއް އަމުނައިލާނެ އެވެ.

މީނާ ދިވެހި ކާނާއަށް ގޮސްތިބި ދިވެހީންގެ ބަޔަކަށް މީނާދައްތަ ޚިދުމަތްދެނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
މީނާއަކީ، މިތަނަށް އަންނަ ހުރިހާ ދިވެހީންގެ ވެސް ދައްދަ އެވެ. ސްރީ ކުމާރަކީ އެންމެންގެ ބޭބެ އެވެ. އަންހެނަކަސް ފިރިހެނަކަސް، ކުޑަކުއްޖެއް، ޒުވާނެއް އަދި އުމުރުން ދުވަސްވީ މީހަކަސް، މީނާއްތަ އާއި ބޭބެ ގޮވާލާނީ ކޮއްކޯއޭ ކިޔާފަ އެވެ. އެ ދެމަފިރީން ގާތަށް ހިދުމަތަށް އަންނަ ކޮންމެ މީހަކަށް ވެސް އޯގާތެރިކަމާ އެކު އުފާވެރި މޫނަކާ އެކު ހިނިތުންވެ ތިބެ ހިދުމަތްދޭން ފަށަ އެވެ. "ކޮއްކޯ ކޯއްޗެއް ބޭނުމީ؟ ކޮއްކޯ ކޮންވައްތަރު އެއްޗެއް ކަނީ،" އެމީހަކު ދެވަނަ ފަހަރަށް ވެސް މީނާއްތަ ހޮޓަލަށް ނޫން ތަނަކަށް ނުދާނެވަރަަށް ގާތްކޮށްލަ އެވެ.
"ޓުރިވެންޑްރަމަށް ވަރަށް ގިނައިން އަންނަން. ދެން މި ތިބެނީ މެޑިކަލް ކޮލެޖް ސަރަހައްދުގައި. އެކަމަކު ހޮޓާތަކުން އެ ހުންނަ ކާއެއްޗެހި އެހާ އެހާ ރަނގަޅެއްނޫން. މިތަނުން ލިބޭނެ، ދިވެހި ހޮޓަލެއްގައި ލިބެން ހުންނަ ހުރިހާ އެއްޗެއް ވެސް،" އެވަގުތު އެތަނުގައި ސައިބޯން ހުރި، މެދުއުމުރުގެ ފިރިހެނަކާ ސުވާުކޮށްލުމުން "މީނާ ދިވެހި ކާނާ"އާ ބެހޭގޮތުން އޭނާ ބުނެލި އެވެ.
"އަހަންނަށް އެނގޭ ގޮތުގައި މިތަނަށް (ޓުރިވެންޑްރަމަށް) އަންނަ ހަމަ ގިނަ ދިވެހީން ކާން އަންނާނެ މި ހޮޓަލަށް."

މީނާ ދައްތަ ދިވެހި ކެއުން
މިއީ ހަމަ އެކަނި އެމީހާގެ ވާހަކައެއް ނޫނެވެ. އެތަނުން ދިމާވި ގިނަ ދިވެހީންނާ ސުވާލުކޮށްލުމުން އެމީހުންގެ ވެސް ވާހަކަހުރީ ހަމަ އެއްގޮތަކަށެވެ.
"އިންޑިއާއަށް އައިސްއުޅޭތާ މިހާރު ހަފްތާއެއްހާ ދުވަސްވެއްޖެ. ހެނދުނު ސައިބޯން، މެންދުރުކާން އަދި ހަވީރު ސަޔަށް ވެސް ގިނަފަހަރު މި އަންނަނީ ހަމަ މިތަނަށް. މިތާދެން އަގުވެސް ހެޔޮ، ކާއެއްޗެހީގެ ރަހަތައް އެހާ ރަނގަޅު،" މީނާއްތަ "ކަޑަ"އަށް ހެނދުނު ސައިބޯން އައިސް ތިބި ޒުވާން އުމުރު ފުރައިގެ ދެމަފިރިޔަކު ބުނެލި އެވެ.
"މީނާ ދިވެހި ކާނާ"
އެއީ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ސަރަހައްދުގައި ހުންނަ ކުޑަވަރެއްގެ ސައި ހޮޓަލެކެވެ. ގާތްގަނޑަކަށް 20 ވަރަކަށް މީހުންގެ ޖާގައިގެ އެ ހޮޓަލަކީ ދިވެހީންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތަނެކެވެ. އެތަނުން ލިބޭނީ ދިވެހިވަންތަ ދިވެހި ރަހަތައް ހިމެނޭ ކާނާއެވެ. ހޮޓަލުގެ ނަން ތާނައިން "މީނާ ދިވެހި ކާނާ" ލިޔެފައި އޮންނައިރު އޭގެ ތިރީގައި "ދިވެހިކެއުން އަތްފޯރާ ފަށުގައި" "ދިވެހީންނަށް ހާއްސަ އަގުތަކެއްގައި ހޫނުކަމާ ތާޒާކަމާއެކު" ލިބެންހުރިކަމަށް ލިޔެފައި ވެ އެވެ. ހެނދުނު 7:30 އިން މެންދުރު ފަހު 3:30އަށް އަދި ހަވީރު 6:00 އިން ރޭގަނޑު 9:00އަށް އެ ތަނުން ހިދުމަތް ދެ އެވެ.

މީނާ ދައްތަ އާއި ކުމާރު ބޭބެ، ސަންގެ ނޫސްވެރީންނާއެކު -- ސަން ފޮޓޯ: ފަޔާޒް މޫސާ
ސާފް ސުޒުކީ ކަޕް ކަވަރުކުރުމަށް ޓުރިވެންޑްރަމަށް އައިސް ތިބި ސަންގެ ނޫސްވެރީންނާ އެކު މީނާއްތަގެ ދެމަފިރީން ހާއްސަ ވަގުކޮޅެއް ހޭދަކުރި އެވެ. އެގޮތުން އެމީހުންގެ ވިޔަފާރި ފެށުނު ގޮތާއި، އައި ބަދަލުތަކާއި ދިވެހީންނާ ދޭތެރޭ ދެކޭ ގޮތާއި އޮންނަ ގާތް ގުޅުން ސަންއާ ހިއްސާކުރި އެވެ.
"މިތަނަށް މީނާ ދިވެހި ކާނާ އެ ނަންދިނީ، އަހަރެންގެ އަންހެނުންގެ ވަނަމަކަށް ކިޔަނީ، މީނާ. އެހެންވެ އެ ނަމާގުޅުވާލާފައި،" ކުމާރުބޭބެ ބުންޏެވެ. "މިތަނުގައި ދިވެހިކާނާ ތައްޔާރުކުރާނީ މީނާ. އަހަރެން ތައްޔާރުކުރަނީ ދިވެހީންގެ މެދުގައި މަގުބޫލް ޗައިނީޒް ފުޑްސް."
ދިވެހީންނަށް ހާއްސަކޮށްގެން ކައްކަން ފެށުން
ޒަވާޖީ ހަޔާތެއް ފަށައިގެން 22 އަހަރު މިހާރު ވެފައިވާ އެ ދެމަފިރީންނަކީ ކުރީން އެހެން މީހުންގެ ވަޒީފާތަކުގައި އުޅުނު ދެމަފިރީންނެވެ. މީނާ އަކީ ކުރިން ފެކްޓަރީއެއްގެ އެކައުންޓެންޓަކަށް އުޅުނު މީހެކެވެ. އަދި އޭނާގެ ފިރިމީހާ ސްރީ ކުމާރަކީ ކުރިން ދުބާއީގެ އިންޓަކޮންޓިނެންޓަލް ހޮޓަލެއްގެ އެފް އެންޑް ބީ ޑިޕާޓްމަންޓާއި ހައުސްކީޕިން ޑިޕާޓްމަންޓްގައި މަސައްކަތްކުރި މީހެކެވެ.
"އަހަރެން އައީ އެނބުރި ގައުމަށް. އެގޮތުން މިތަނުގައި ހޮޓަލުގެ ވިޔަފާރިކުރުމަށް ވިސްނައި އާއިލާއާ އެކު އެ މަޝްވަރާތައް ކުރިން. ހާއްސަކޮށް އަހަރެންގެ އަންހެނުން މީނާ. އަހަރެން ބުނިން މިތަނަށް ވަރަށް ގިނަ ދިވެހީން އާދެއެއް ނޫންހޭ، ހިނގާށޭ އެމީހުންނަށް ދިވެހިކާނާ ލިބޭނޭ ތަނެއް ހަދަން،" ދިވެހިބަހުން ވާހަކަ ދައްކަން ނޭގޭތީ ބޭބެ ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ.

ކުމާރު ބޭބެ، އެމީހުންގެ ވިޔަފާރިއާ ބެހޭ ގޮތުން 'ސަން އޮންލައިން"އާ މައުލޫމާތު ހިއްސާކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެމީހުން ވިޔަފާރި ފެށީ ވަރަށް ކުޑަ ތަންކޮޅެއްގަ އެވެ. އެންމެ މޭޒަކާއި ހަތަރު ގޮނޑި ބަހައްޓައިގެން އޭރު ވިއްކަނީ 'ސްނެކްސް' ކަހަލަ ލުއިކާނާ އާއި އިންޑިއަން ފުޑް އެކަންޏެވެ.
"އެދުވަސްވަރު މިތަނަށް ޒިޔާރާތްކުރި ދިވެހި އާއިލާއެެއް އަހަރެން ކައިރީ ބުނި ނެތްހޭ ދިވެހި ކާނާ. އަހަރެން ބުނިން އަހަރެން ކިހިނެއްހޭ ތި ތައްޔާރުކުރާނީ. އެމީހުން އަހަންނަށް އައިޑިއާ ދިން. އަދި ދިވެހިކާނާ ތައްޔާރުކުރާނޭ ގޮތް ވެސް ކިޔައިދިން،" ކުމާރު ބުންޏެވެ.
މީނާއްތަ ބުނި ގޮތުގައި، މީގެ 12 ވަރަކަށް އަހަރު ކުރީން، ޓްރިވެންޑްރަމަށް އައި ދިވެހި އާއިލާގެ މެންބަރުން އައީ އެމީހުންގެ މަންމަ ނުވަތަ މާމަ އަށް ބޭސްފަރުވާކުރުމަށް ކަމަށެވެ. އަދި އެމީހުން އޭނާއަށް ދިވެހި ކާނާ ތައްޔާރުކުރާން ދަސްކޮށްދިން ކަމަށެވެ. އެގޮތުން ދިވެހީންނަށް ހާއްސަކޮށްގެން ހޮޓަލެއް ހުޅުވީ ކަމަށެވެ. އަދި މީނާއްތަމެންގެ އެ ހޮޓަލަކީ އެ ސަރަހައްދުގައި ދިވެހީންނަށް ޚާއްސަކޮށްގެން ޚިދުމަތްދޭ އެންމެ ދުވަސްވީ ތަން ކަމަށްވެސް މީނާ ބުންޏެވެ.
"އެ ދައްތަ އަހަންނަށް ހުރިހާއެއްޗެއް ހަދާނޭގޮތް އޭރު ކިޔައިދެނީ. ކައްކާނޭގޮތް ބުނެދެނީ. ދެން އަހަރެން 12 އަހަރުވަންދެން އެބުނާ ގޮތަށް ފޮލޯކުރަނީ. މިހާރު ހުރިހާ އެއްޗެއްވެސް ދިވެހިމީހާ ބޭނުންގޮތަށް ތައްޔާރުކުރަން އެނގެނީ،" އޭނާ ދިވެހި ކާނާ ތައްޔާރުކުރާން ދަސްކުރިގޮތް ސަންއަށް ކިޔައިދެމުން މީނާއްތަ ބުންޏެވެ.

މީނާ ދައްތަ ދިވެހި ކަސްޓަމަރުންނަށް ކާންދިނުމަށް ފަހު، އެމީހުން ދިއުމުން، ކުޑަކޮށް ވަރުބަލި ފިލުވާލަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
މީނާއްތައާއި ކުމާރު ބޭބެގެ އުފަން ދަރިއެއް ނެތަސް އެމީހުންގެ ދެފަރާތުގެ އާއިލާގައި 18 މެންބަރު ތިބޭކަމަށް މީނާއްތަ ބުންޏެވެ.
"މަގޭ މަންމަގެ 11 ކުދިން ތިބޭ. މަގޭ ހަޒްބެންޑްގެ މަންމަގެ 8 ކުދިން ތިބޭ. އެދީ ދެން ދެމީހުންގެ އާއިލާ،" މީނާއްތަބުންޏެވެ.
އެ ދެމަފިރިން ބުނި ގޮތުގައި ޓުރިވެންޑްރަމަށް އަންނަ ދިވެހީންނަސް އެމީހުން ވަރަށް ބޮޑަށް އިހްތިރާމް ކުރެ އެވެ. އަދި މިތަނަށް އަންނަ ދިވެހީންނާ ދޭތެރޭ ދެކެނީ އަމިއްލަ އާއިލާގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ. އެއީ އެ ދެމަފިރިންގެ އަމިއްލަ ދަރިއަކު ނެތުމުން ކަމަށް ވެސް ވެދާނެ އެވެ.
"ނަސީބުދެރަކަމުން އަހަރެމެންގެ ދަރިއަކު ނުހުރޭ. އެކަމަކު ވެސް އަހަރެމެން ދެމަފިރީންގެ އެއްވެސް ޝަކުވާއެއް އެކަމުގައި ނެތް. އޭގެ ބަދަލުގައި އަހަރެމެން ކަލޭމެން ކުދީންދެކެ ވަރަށް ލޯބިވޭ. އަހަރެމެން ދެކެނީ ތީ ހަމަ އަހަރެމެންގެ ދަރީންކަމަށް ކުމާރު ބޭބެ ބުންޏެވެ.
"މައްސަލަ ނެތީ. މީނާ ދައްތަ ސޭޑް ނެތީ. ހުރިހާ މީހުން މަ ކުއްޖާވައްތަރު ތިންކު ކުރަނީމަ މަ ސޭޑް ނެތީ،" މީނާއްތަ ބުންޏެވެ.
ފައިދާ އެހާ ބޮޑެއް ނޫން، އެކަމަކު ހިތްހަމަޖެހުން ލިބޭ
މީނާ ދިވެހި ކާނާ ހުންނަ ސަރަހައްދުގައި އިތުރު ހައެއްކަ ހޮޓާ ވެސް ދިވެހީންނަށް ހާއްސަކޮށްގެ ހިދުމަތްދެމުން ގެންދެ އެވެ. އެހެން ނަމަވެސް އެތަންތަނުގެ ތަފާތަކީ އެމީހުން ހުންނަނީ މީނާއްތަގެ ކަޑައާ ޚިލާފަށް ދިވެހީންނަށް ހާއްސަކޮށް ބޮޑު އަގުތަކެއް ހަދާފަ އެވެ. އަދި ބިލް ތައްޔާރުކުރާ އިރު ވެސް ބައެއްފަހަރު އޮޅުވާލުންތައް ވެސް ދާލެއް މަދެއް ނޫނެވެ.

މީނާ ދައްތަ ޑިސްކު މަސްހުނި ތައްޔާރުކުރުމަށް ހުނިގާނަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެ ދެމަފިރީން ބުނާގޮތުން އެ ހޮޓަލަށް ދުވާލެއްގެ މައްޗަށް 90 އަށް ވުރެ ގިނަ ދިވެހީން އާދެއެވެ. މާކަ ބޮޑު ފައިދާއެއް ނުލިބުނު ނަމަވެސް އެމީހުން ދިވެހީންނަށް ޚިދުމަތްކޮށްދެނީ އެމީހުންގެ ހިތުގައި ދިވެހީންނަށް އޮތް ލޯތްބާއި އިހްތިރާމާއި ގަދަރުގެ ސަބަބުން ކަމަށް އެ ދެމަފިރީންވެސް ބުންޏެވެ. އަދި މަހެއްގެ މައްޗަށް 100،000 އިންޑިއަން ރުޕީސް އެ ހޮޓަލަށް ލިބޭކަމަށް ވެސް ބުންޏެވެ.
"ލިބޭ ފައިދާ އެހާ ބޮޑެއް ނޫން. އެހެން ނަމަވެސް އަހަންނަށް ފެނޭ އަދި އިހްސާސްކުރެވޭ މިތަނަށް އަންނަ ދިވެހީން ކުރިމަތިލާ އުނދަގޫތަކާއި، ތަހައްމަލުކުރަމުންދާ ވޭނާއި އުދާސް. އެހެންވެ އަހަރެމެން މި މަަސައްކަތް ކުރަނީ، އަހަރެންގެ ދިވެހި ކަސްޓަމަރުންނަށް ޒިންމާދާރުކަމާ އެކު އަތްފޯރާފަށުގައި ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް،" ކުމާރުބެ ބުންޏެވެ.
"އެހެން ހޮޓާތަކުގައި އެމީހުން ހުންނަނީ ދިވެހީންނަށް ވަކިން ހާއްސަކޮށް ބޮޑެތި އަގުތަކެއް ހަދާފައި. އެއީ އެތަންތަނުގެ ގަވާޢިދު. އަހަންނަކަށް ނޭނގެ އެއީ ޗީޓް ކުރުން ކަމެއް. ނުވަތަ ނޫންކަމެއް."

މީނާ ދައްތައާއި ބޭބެ ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ: ފަޔާާޒް މޫސާ
މީނާއްތަގެ ދެމަފިރިން ބުނި ގޮތުގައި، މިތާ ހޮޓާ ހިންގާ ގިނަ ވިޔަފާރިވެރިން ދިވެހީންގެ އަތުން ވަރަށް ގިނަ ލާރި ނަގަ އެވެ. ނަމަވެސް އެ ދެމަފިރީން އަގަށް ވުރެ ބޮޑަށް ދެވޭ ޚިދުމަތް ރަނގަޅު ކުރާން މަސައްކަތްކުރަނީ ސަބަބުތަކެއް ހުރެގެން ކަމަށް ބުންޏެވެ.
"އަހަންނަށް އިހުސާސްކުރެވޭ މިތަަނަށް އަންނަ ގިނަ ދިވެހީންގެ ހާލަތު. ގިނަ މީހުން މިތަނަށް އަންނަނީ ބޭސްފަރުވާއަށް. އެމީހުންނަށް ބޭސްފަރުވާއަށް ހަރަދުކުރަނީ އެމީހުންގެ ސަރުކާރުން. އެގޮތުން އެ ލިބޭއެއްޗަކުން ބޭސްފަރުވާއަށް ހަރަދުކޮށްފައި މިތަނުގައި ކެއިންބުއިމަށް އެހާބޮޑު ހަރަދުކުރާނޭ ލާރި ނުހުންނާނޭކަން އަހަރެމެންނަށް އިހުސާސްކުރެވޭ،" ކުމާރުބޭބެ ބުންޏެވެ.
މީނާއްތަ ބުނީ، "ފަސްޓު މަގޭ މޮޓޯ އަކީ ސަރވިސް" ކަމަށެވެ. "ސަރުވިސް ދެން، ސެޓިސްފެކްޝަން" ކަމަށެވެ. ފައިދާއާ ދޭތެރޭގައި ވިސްނަނީ އޭގެ ފަހުން ކަމަށް މީނާއްތަ ބުންޏެވެ.
"ޔޫ މަގޭ ޓޫރިސްޓް. މީނާދައްތައާ ބޭބެ ރަނގަޅުވީމަ އިންޑިއާ ރަނގަޅުވަނީ. އެވައްތަރު އެންމެން ވިސްނީމަ ބަރާބަރު މޯލްޑިވްސް މީހުން މިތަނަށް އަންނަނީ،" ދިވެހީންނަށް ހިދުމަތްދިނުމުގައި މީނާއްތަގެ ފިލޯސަފީ ބުނެދިނެވެ.

މީނާ ދައްތަ ކެއްކުމުގައި -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެ ދެމަފިރީން ބުނީ، ދިވެހީންނަށް ހިދުމަތްދިނުމުގައި ވިޔަފާރީގެ ނަޒަރުން ނުބަލާކަމަށެވެ. ވޭޓަރުން ގެންގުޅުމުގެ ބަދަލުގައި މީނާއްތައާއި ބޭބެއާ ދެމީހުން އަމިއްލައަށް އެތަނަށް އަންނަ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށް މީނާތައާއި އޭނާގެ ފިރިމީހާ ބުންޏެވެ.
"ކޮއްކޮ މިތަނަށް ފަސްޓް އައިމަ. މަގޭ ދަރިފުޅު ވައްތަރަށް މަ ތިންކުކުރަނީ. އެހެންވީމާ މަ ވަރަށް ރަނގަޅު ވައްތަރަށް ސަރުވިސް ކުރަނީ. އަންނަ ދުވަހުވެސް މީނާއްތަ ބަލަނީ ވަރަށް ގާތް މީހެއްގެ ގޮތުގަ،" މީނާއްތަ ބުންޏެވެ.
މީނާއްތަގެ ފަރާތުން އުފާވެރި ހަބައެއް
މީނާއްތައާއި އޭނާގެ ފިރިމީހާ ކުމާރު ބޭބެ ވަނީ އާ އަހަރާ އެކު ދިވެހީންނަށް ހާއްސަކޮށްގެން ކާނާ ޕެކޭޖްތަކެއް ތައާރަފްކުރުމަށް ނިންމައިފަ އެވެ. އެއީ ދުވާލެއްގެ މައްޗަށް 300 ރުޕީސްގެ ރޭޓުންނެވެ.

"ހެނދުނު ސައި، މެންދުރު ކެއުން އަދި ރޭގަނޑު ކެއުން. އަހަރެމެން ނަގާނީ އެންމެ 300 ރުފިޔާ ދުވާލަކަށް. އެމީހަކު ބޭނުން އެއްޗެއް ކާން ލިބޭނެ. އަދި ކާން ނާދެވޭ ފަހަރުތަކަށް ބަލާފައި އެމީހުން ފުރައިގެން ދާއިރު ބާކީ ލާރި ހުރިނަމަ އެވެސް އަނބުރާ ދޭނަން،" އަންނަ މަހުގެ ކުރީކޮޅު ނުވަތަ މި މަހުގެ ފަހުކޮޅު އެ ޕެކޭޖްތައް ފަށާނޭކަމުގެ އުފާވެރި ޚަބަރު، އެ ދެމަފިރީން ދިވެހީންނަށް ދިނީ 'ހެޕީ ނިއުއިޔާ'ކިޔަމުންނެވެ.