އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމު މަރުވީ ފަރުވާ ނުހޯދި ގިނަ ދުވަސްވީ އިންފެކްޝަންތަކެއްގެ ސަބަބުން ނިއުމޯނިއާ ޖެހި ކިޑްނީ ފެއިލްވެގެން ކަމަށް އޭނާގެ ފިރިމީހާ ޝާހުގެ އާއިލާއިން ބުނެފި އެވެ.

ޝާހުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒިޔާދާގެ އާއިލާއިން ބުނާ ވާހަކަތަކަށް ބިނާކޮށް މީޑިއާތަކުން ޝާހުގެ އަގުވައްޓާލަން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ޝާހު ޖިންސީ ގޯނާ ކުރާ ކަމުގެ ވާހަކައެއް ޒިޔާދާ ދައްކާފައި ނުވާ ކަމަށާއި އޭނާއަކީ ޝާހުގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮއްނަ މީހެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ޒިޔާދާގެ ބަލީގެ އަސްލު އެނގިހުރެ ސިއްރުކުރަމުންދާ ކަމަށް ޝާހުގެ އާއިލާއިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޒިޔާދާ އަދި ޝާހުގެ އާއިލާއިންވެސް ނެރޭ ބަޔާނަކަށް ފުލުހުން ޖަވާބުދޭން ބޭނުން ނުވާ ކަމަށެވެ. އަދި ޒިޔާދާގެ މައްސަލަ ތަހުގީގު ކުރަމުންދަނީ ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގެ ގޮތުގައާ މަރުގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި މައްސަލައާ ބެހޭގޮތުން އެއްޗެއް ބުނާނީ ތަހުގީގަށް ފަހުގައި ކަމަށެވެ.

" އާއިލާތަކުން ނެރޭ ބަޔާންތަކާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުމެއް ނުވޭ. މައްސަލަ ތަހުގީގުކޮށް ނިމުމުން މައްސަލައާ ބެހޭގޮތުން އެއްޗެއް ބުނެވޭނީ " ފުލުހުން ބުންޏެވެ.

ޒިޔާދާގެ ފިރިމީހާ ޝާހު އޭނާއަށް ހަރަދު ނުކުރާ ކަމަށާއި ގެ ހެދުމުގެވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްބުނެ ބައެއް މީޑިއާ ތަކުގައިވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅިގެން ޝާހުގެ އާއިލާއިން ބުނެފައިވަނީ އެބަޔަކު ދިރިއުޅޭތަނެއް ދިރިއުޅޭހާ ހިނދަކު ހަދަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އެކަމުގެ ޒިންމާ ޒިއާދާ އަދި ޝާހުވެސް ނަގަން ޖެހޭނެ ކަމަށް ޝާހުގެ އާއިލާއިން ބުނެ އެވެ.

" އިބްރާހިމް ޝާހުއަށް ލިބޭ މުސާރަ މެދުނުކެނޑި މަރުހޫމާގެ އެކަންޓަށް ޖަމާވަމުންދާތާ ހަތަރު އަހަރުވެދާނެ. އެފައިސާ ހަރަދުވަމުންދިޔައީ އެމަރުހޫމު ބޭނުންކަމަކަށް ބޭނުންގޮތަކަށް ކަން އެނގޭނެ ކިތަންމެ ފަރާތެއް ވާނެ. ދެމަފިރިން އުޅޭގެ ރަނގަޅު ފެންވަރެއްގައި ނުހެދި ހުއްޓަސް ގޭގައި ބޭނުން ކުރުމަށް އިބްރާހިމް ޝާހުގެ އެކައުންޓުން ކެނޑޭގޮތައް އެތައްފަހަރަކު ވަނީ ފަރުނީޗަރު ގަނެފައި " ޝާހުގެ އާއިލާއިން ނެރުނު ބަޔާނުގައިވެ އެވެ.

ޒިއާދާ ވަކިވެގެން ދިއުމަކީ ޝާހުގެ އާއިލާއަށްވެސް ލިބުނު ފުން ހިތާމައެއް ކަމަށާއި، ޒިޔާދާ އަކީ އެއާއިލާއިން ލޯބިވާ ފަހަރިއެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޝާހުގެ ދައްތައެއް ކަމަށްވާ އަނިޒާ ހުސައިން އާ ޒިޔާދާއާއި ގާތް ގުޅުމެއް އޮންނަ ކަމަށާއި މާލެ އައުމުގެ ކުރިންވެސް އޭނާގެ ބަލީގެ ވާހަކަ އެދައްތަ ކައިރީ ދައްކާފައިވާ ކަމަށް އެދައްތައާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ.

ޒިޔާދާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްފަ އެވެ.