13 Apr 2011, 13:36
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅޭ ކަމަށް މަސްދޯންޏަކުން ބުނާ ބޭރުގެ ބޯޓެއް އަތުލައިގަތުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.
ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން މޭޖާ، އަބްދުއްރަހީމް މިއަދު ވިދާޅުވީ ގަވައިދާ ހިލާފަށް ވަދެގެން އުޅޭ ކަމަށް ބެލެވޭ ބޯޓެއްގެ މައުލޫމާތު މަސް ދޯންޏަކުން ދިނުމުން ކޯސްޓްގާޑުގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރު ފަށާފައިވާ ކަމަށެވެ.
" ބަލާބެލުމަށް މަސްވެރިން އެ ދައްކާވާހަކައަކީ ތެދަކަށް ވެސް ވެދާނެ. މިހާރު ކޯސްޓްގާޑުވީ އެ ސަރަހައްދަށްދާން ނައްޓާލާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ދ. ކުޑަހުވަދޫ މަސް ކަނދުފައްޗާ ދިމާ، ހަ މޭލު ބޭރު، ކަނޑުގެ ސަރަހައްދުގައި އުޅުނު ދ. އަތޮޅުގައި ދުއްވާ "އަޒުމް2" ގެ ފަޅުވެރިއެއް ކަމުގައިވާ ހަސަން ރަފީއު ފޯނުން ސަން އަށް މައުލޫމާތު ދެމުން ބުނީ ގަވައިދާ ހިލާފަށް ވަދެގެން އުޅޭ ކަމަށް ބެލެވޭ ބޭރުގެ ބޯޓް އެ މީހުންނަށް ފުރަތަމަ ފެނުނީ މިއަދު ހެނދުނު 10:15 އެހާކަން ހާއިރު ކަމަށެވެ.
ދޯނިން ބުނީ ބޯޓު ފެނުމުން އެމީހުން އެ ބޯޓާ ކައިރިކޮށް ބެލި އިރު ބޯޓްގައި ތިބީ ދިވެހިން ނޫން ކަމަށެވެ. އެ މީހުން ދަތުރުކުރަނީ ގދ. ކޫއްޑޫ އިން މަސް ބަރުކޮށްގެން އިރާގަށް ކަމަށް ބުނި ނަމަވެސް ދެވަނަ ފަހަރަށް ވާހަކަ ބަދަލުވެ ބޯޓުގެ ތެރެއިން ފިޔައެއް ދެއްކުމަށް ފަހު ފިޔާ ބަރުކޮށްގެން މާލެއަށް ދާ ކަމަށް ބުނެފައިވާ ކަމަށެވެ.
"ހައެއްކަ މީހުން ތިބި އެ ބޯޓްގައި. ޖާނު ވަރުގަދަ ކަމުން ބަލާބެލުމަށް ހީވަނީ އެ މީހުންނަކީ އަރަބިކަރައިގެ ބައެއްހެން. އެމީހުން ވާހަކަދެއްކީ އިނގިރޭސިން. ދެ ވަނަ ފަހަރު ފިޔައެއް ބޯޓު ތެރެއިން ދައްކާފައި ބުނީ މިދަނީ ފިޔާ ހިފައިގެން މާލެ އަށް ކަމަށް. އަހަރެންމެން ވެސް އެމީހުންނާ ވާހަކަ ދެއްކީ އިނގިރޭސީން،" ހަސަން ބުންޏެވެ.
ހަސަނު ބުނީ ރާއްޖޭގެ ދިދަ ނަގައި ވިހުރުވާފައިވާ ބޯޓަކީ 90 ވަރަކަށް ފޫޓުގެ ބޯޓެއް ކަމަށާއި އެ ބޯޓްގެ މީހުންނާ ވާހަކަ ދައްކަމުން ގޮސް ކޯސްޓްގާޑަށް ގުޅައި އެ ހަބަރު ދީފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މަޑުރުމަށް އެދެމުން ދަނިކޮށް ކުޑަހުވަދުއާ ދިމާ ބޭރަށް ބޯޓު ބާރަށް ދުއްވާފައި ދިޔައީ ކަމަށް ވެސް ބުންޏެވެ. މީގެ ވިއްސަކަށް މިނެޓް ކުރިން އަޒުމް ދޯނިން ބުނީ ބޯޓު އަދިވެސް ފެންނަ ކަމަށާއި ކޯސްޓްގާޑުގެ ހަބަރެއް ނުވާތީ ބޯޓު ފަހަތުން ނުދުއްވާ ތިބީ ކަމަށެވެ.
ކޯސްޓްގާޑުން ބުނީ ގަވައިދާ ހިލާފަށް ވަދެ އުޅޭ ކަމަށް ބުނާ ބޯޓު ދުއްވަމުންދާ ސްޕީޑަށް ބަލާއިރު ކޯސްޓްގާޑުގެ ސްޕީޑް މާ ބާރު ކަމަށެވެ. ނަމަވެސް ބޯޓް އަތުލައިގަނެވޭނެ ކަމުގެ ޔަޤީން ކަމެއް ނުދެއްވަ އެވެ.