01 Jan 2016, 19:31
ސިފައިންނަކީ އެތެރެފުށާއި ބޭރުފުށް ސާފުކޮށްގެން ރީތިކޮށްގެން ތިބެންޖެހޭ ބައެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސިފައިންގެ ޕޯސްޓުގައި މިސްކިތަކާއި ފުޓްސަލް ދަނޑެއް އެޅުމަށް ބިންގާ އެޅުމުގެ ގޮތުން މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް ޝިޔާމް ވިދާޅުވީ މިހާތަނަށްވެސް ސިފައިން މަސައްކަތްކޮށްފައި ވާނީ ދީނާއި ރައްޔިތުން އަދި ގައުމުގެ ވެރިން ސަލާމަތް ކުރަން ކަމަށެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސިފައިންގެ ޕޯސްޓުގައި މިސްކިތަކާއި ފުޓްސަލް ދަނޑެއް އެޅުމަށް ބިންގާ އެޅުން -- ސަން ފޮޓޯ: ޔޫސުފް ސޮފްއާން
"މިހާތަނަށްވެސް މިކަންކަން ރަނގަޅަށް ކުރެވުނީ ދީނުގެ މަގުގައި މަސައްކަތް ކުރުމަށް ނިޔަތް ގަނެގެން ތިބޭ ބަޔަކަށް ވާތީ. ސިފައިންގެ ހުރިހާ މަރުކަޒަކީވެސް ދީނީކަންކަމަށް މަގުފަހިވާގޮތަށް ކަންކަން ގާއިމް ކުރެވިފައި ހުރި މަރުކަޒުތައް"ޝިޔާމް
ދިމާވާ އުނދަގޫ ވަގުތު ތަކުގައި ރައްޔިތުންނާއި ކައިރިން މަސައްކަތް ކުރެވޭނީ ފަސޭހަ ވަސީލަތެއް ގާއިމްވެފައި ހުރުމުން ކަމަށާއި އެހެންކަމުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސިފައިގެ ޕޯސްޓަކީ ވަރަށް މުހިންމު ތަނެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެެވެ.
އެއްވެސް އުނދަގުލެއް ނުރައްކަލެއް ނެތި ތިބޭއިރު ސިފައިންނަކީ ބައެއް މީހުންނަށް އެހާ މުހިންމު ބަޔަކަށް ނުވާކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް ކަމެއް ދީމާވުމުން ކޮންމެ މީހެއްގެ ދުލައްވެސް އައްނާނީ "ހެއްދެވި ފަރާތް ނަގާފައި އޭ ސިފައިން ކޮބާހޭ" ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސިފައިންގެ ޕޯސްޓުގައި މިސްކިތަކާއި ފުޓްސަލް ދަނޑެއް އެޅުމަށް ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްއާން
"އެކަމު އެކަމެއް ހައްލުވެގެން ދިއުމަށް ފަހު ސިފައިންނަކީ ބޭކާރު ބަޔަކަށްވެގެންދާނެ، ނުނީ އެއްވެސް ކަމެއް ނުކޮށް އުޅޭ ބަޔަކަށް ވެގެންދާނެ. އެއީކީ ހަގީގަތެއް ނޫން ކޮންމެ މީހަކު ކީނަމަވެސް" ޝިޔާމް ވިދާޅުވި އެވެ.
ސިފައިން މަސައްކަތް ކުރަންވީ މީހަކު ބުނާހާ އެއްޗަކަށް ހިދުމަތް ހީނަރުކޮށްލައިގެން ނޫންކަމަށާއި މީހަކު ކޮންމެ އެއްޗެސް ކިޔަސް ހުވާގެ މަތީގައި ދެމިތިބޭ ބަޔެއްގެ ގޮތުގައި ސިފައިން ތިބުމަށް ޝިޔާމް ވަނީ ގޮވާލައްވާފަ އެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސިފައިންގެ ޕޯސްޓުގައި މިސްކިތަކާއި ފުޓްސަލް ދަނޑެއް އެޅުމަށް ބިންގާ އެޅުން -- ސަންފޮޓޯ: ޔޫސުފް ސޮފްއާން
އިސްލާމިކް މިނިސްޓްރީގެ އެހީގައި ހުޅުމާލޭ ސިފައިންގެ ޕޯސްޓުގައި މިސްކިތް އެޅުމާއި ޓާފްދަނޑު އެޅުމަށް މިއަދު ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ އިތުރުން ސިފައިންގެ އިސްވެރިންނެވެ.
ހުޅުމާލޭ ސިފައިންގެ ޕޯސްޓުގައި މިސްކިތް އެޅުމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ސިފައިގެ ތެރޭގައި ދީނީ މާހައުލެއް ގާއިމްވެގެން ދާނެ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.