01 Jan 2016, 17:23
ނިމިދިޔަ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި މެންޗެސްޓާ ޔުނައިޓެޑުން ނެރެފައިވާ ނަތީޖާތައް ނުހިމަނައި، އެ އަަހަރަކީ އެ ކްލަބަށް ވަރަށް ރަނގަޅު އަހަރެއް ކަމަށް ޔުނައިޓެޑްގެ ކޯޗް ލުއިސް ވެންހާލް ބުނެފިއެވެ.
މިދިޔަ ސީޒަން ނިމުނު އިރު، ޕްރިމިއަ ލީގުގެ ހަތަރުވަނަ ކްލަބުގެ ގޮތުގައި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބުނުކަމުގައިވީ ނަމަވެސް، މި ސީޒަން ފެށިގެން ނޮވެމްބަރާހަމައަށް އައިއިރު އެ ކްލަބް އޮތީ ތާވަލްގެ އެންމެ ކުރީގައެވެ.
ސީޒަންގައި މެޗަކުން މޮޅުނުވެ، ހުރިހާ މުބާރާތަކުން އަށް މެޗު ދިޔަނަމަވެސް، ވެންހާލް ގަބޫލުކުރާގޮތުގައި ނިމިދިޔަ 12 މަހަކީ އެ ކްލަބަށް ވަރަށް "ޕޮޒިޓިވް" ދުވަސްތަކެކެވެ.
ވެންހާލް ބުނީ، އޭނާގެ ކްލަބުން 2015 ވަނަ އަަހަރުގެ ފުޓްބޯޅަ ސީޒަނަށް އަމާޒު ހިފި މަންޒިލަށް ސީޒަން މެދެއްހާ ހިސާބަށް ދިޔައިރު ވަނީ ވާސިލް ވެވިފައި ކަމަށެވެ. އަދި އޭގެ ފަހުން ޓީމު ރަނގަޅަށް ބެލަންސްވެ، ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރުގައި ޕްރިމިއަ ލީގުގެ އެއްވަނައިގައި މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓާލާފައިވާކަމަށް އޭނާ ބުންޏެވެ.
ވެންހާލް ބުނީ، އޭނާގެ ޓީމަށް ލޮޅުންއެރީ ޗެމްޕިއަންސް ލީގުގައި ޑިސެމްބަރު މަހު، ވުލްފުސްބާގު އަތުން 3-2 އިން ބަލިވެ ގްރޫޕް ސްޓޭޖުން ކެޓި ހިސާބުން ކަމަށާއި އޭގެ ފަހުން އަދިވެސް ކްލަބް އޮތީ ހަމަޔަކަށް ނޭޅިކަމަށެވެ.
"ޑިސެމްބަރު ނުލައި، މުޅި އަހަރު ދުވަހަށް ބަލައިފި ނަމަ 2015 ވަނަ އަހަރަކީ ޔުނައިޓެޑަށް ވަރަށް ރަނގަޅު އަހަރެއް،" ވެންހާލް ބުންޏެވެ.
ވެންހާލް ބުނީ، ހުސްވި އަހަރު ޔުނައިޓެޑަށް އެންމެ ޕްރެޝަރު ބޮޑުވި ދުވަސް ކޮޅުގައި، ޗެލްސީ ފަދަ ބޮޑެތި ކްލަބްތަކާ ދެކޮޅަށްވެސް ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ކަމަށާއި، މި ސީޒަންގެ މިހާތަނަށް ޖުމުލަގޮތެއްގައި ބަލާއިރު، ޔުނައިޓެޑް ކުޅުފައިވާ މެޗުތަކުގައި އޭނާގެ ކުޅުންތެރީން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.
ޕްރިމިއަ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީއާ ވާދަކޮށް ލަނޑެއް ނުޖެހި ވަނީ ދެޓީމު އެއްވަރު ވެފައެވެ. އަދި ލީގު ތާވަލުގައި ޔުނައިޓެޑް މިވަގުތު އޮތީ 19 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ.
މީގެ އިތުރުން މި ސީޒަންގައި ޔުނައިޓެޑް އެންމެ ދަށްކޮށް އޮތްއިރުވެސް އެޓީމުގެ ސަޕޯޓަރުން ފާޑުކިޔުންތަކާއެކު ވެސް ދަނޑަށް ވަދެ އަތްޖަހައި ކްލަބަށް ދެމުންދިޔަ ސަޕޯޓަކީ އެ އެ ސަޕޯޓަރުންނަށް ތައުރީފް ހައްގު ކަންތައްތަކެއްކަން ވެންހާލް ފާހަގަކުރިއެވެ.