ޓްރިވެންޑްރަމް، އިންޑިއާ (ގޯލް) -މީގެ ހަފްތާއެއްހާ ދުވަސްކުރީން، ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ނޭޕާލާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގެ ފަހު ހާފުގައި ކުޅެން ނުކުތް އިންޑިއާ ޓީމުގެ ޒުވާ ފޯވާޑް ލަލިއަންޒޯލާ ޗާންޓޭ ވަނީ، ނޭޕާލް ކޮޅަށް ވަރަށް ރީތި ދެލަނޑު ކާމިޔާބުކޮށް، "އިންޑިއާ ފުޓްބޯޅައިގެ ރެކޯޑް މުގުރާލި ކުޅުންތެރިއެއް"ގެ ގޮތުގައި އިންޑިއާއާއި ސަރަހައްދުގެ ކުޅިވަރު ކަވަރުކުރާ ނޫސްތަކުގެ ފަލަ ސުރުހީތަކުން، ޖާގަހޯދައިފައެވެ.

ނޭޕާލް ކޮޅަށް އެދުވަހު ލަލިއަންޒޯލާ ލަނޑު ޖެހުމާއެކު، އޭނާގެ ޓީމުގެ ކުޅުންތެރީންނާއި ސަޕޯޓަރުންގެ ފަރާތުން ތަރުހީބާއި، ހިތްވަރުދިނުމާއި ތައުރީފުގެ ބަސްތަކުން އުމުރުން 18 އަހަރުގެ ޒުވާން ފޯވާޑް ފެންވަރުވާލިއެވެ. އަދި އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ބައިޗުން ބުޓިއާ 1995ގައި ގާއިމްކޮށްފައިވާ އިންޑިއާ ޓީމަށް އެންމެ ޒުވާން އުމުރުގައި ލަނޑު ޖެހުންތެރިޔާގެ ރެކޯޑް ޗަންޓޭ މުގުރާލައިފިކަމަށް ބުނެ ގިނަ ރިޕޯޓްތަކެއްވެސް ނޫސްތަކުގައި ޝާއިއުވެގެން ދިޔައެވެ.

އެހެންނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. އިންޑިއާގެ ގައުމީ ޓީމަށް އެންމެ ޒުވާންއުމުރުގައި ލަނޑުޖެހުމުގެ ރެކޯޑް އޭރު އޮތީ ބުޓީއާ އަތުގައެއްވެސް ނޫނެވެ. އަދި އެ ރެކޯޑް ލަލިއަންޒޯލާއަށް މުގުރައެއްވެސް ނުލެވެއެވެ. ހަގީގަތަކީ އިންޑިއާ ޓީމަށް އެންމެ ޒުވާން އުމުރުގައި ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ، އިންޑިއާގެ އިރުއުތުރުގައި އޮންނަ ފަރުބަދަމަތީ ސްޓޭޓެއް ކަމަށްވާ، މީޒޯރާމްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރީ ޒިރްސަންގާއެވެ.

ޖެރީގެ އުފަން ދުވަހަކީ، 25 ޑިސެމްބަރު 1987އެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށް، 2006 ވަނަ އަހަރު، އިންޑިއާއިން ތައްޔާރުވަމުން ދިޔައިރު، ޖަޕާނާ ދެކޮޅަށް ނެގި ސްކޮޑުން ޖެރީއަށް ފުރުސަތުލިބުނެވެ. 2004 ވަނަ އަހަރުގެ މޭމަހު، އޭރު ޓާޓާ ފުޓްބޯލް އެކަޑެމީ (ޓީއެފްއޭ)ގައި ތަމްރީނުވަމުން އައި ޖެރީއަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ދިނީ، މިހާރު އިންޑިއާ ޓީީމުގެ ކޯޗުކަމުގައި ހުރި ސްޓެފަން ކޮންސްޓެޓެއިން އެޓީމާ ހަވާލުވި ފުރަތަމަ ފަހަރުއެވެ.

އިންޑިއާގެ ގައުމީ ސްކޮޑްގައި ޖެރީ ހިމެނިތާ މާކަ ގިނަދުވަސްތަކެއް ނުވެ އޭނާ ވަނީ، ޓީމުން ޖާގަ ހޯދައިފައެވެ. އެގޮތުން، 5 ނޮވެމްބަރު 2004ވަނަ ދުވަހު، ކުވޭތާ ދެކޮޅަށް އިންޑިއާ ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގެ ފަހުހާފުގައި، މަހިންދުރަ ޔުނައިޓެޑްގެ މިޑްފީލްޑަރު ޖަތިން ސިންހު ބިޝްޓުގެ ބަދަލުގައި ޖެރީ ކުޅެން ނުކުތެވެ. ކުވޭތު 2-1ގެ ލީޑެއްގައި އޮއްވައި އެ މެޗުގެ 64 ވަނަ މިނިޓްގައި ކުވޭތު ގޯލަށް ލަނޑު ޖަހައި، ޖެރީ ވަނީ އެ "އުފާވެރި އަދި ތާރީޚީ ވަގުތުކޮޅު" ހާސިލްކޮށް މެޗުގެ ނަތީޖާ 2-2 އިން އިންޑިއާއަށް ހަމަހަމަކޮށްދީފައެވެ.

ކުވޭތާ ދެކޮޅަށް އެދުވަހު އިންޑިއާ ކުޅުނު މެޗުގެ ފަހު ހާފުގައި އެޓީމުގެ އަބީޝެކް ޔާދަވް ކާމިޔާބުކޮށްދިން ލަނޑާއެކު 3-2ގެ ނަތީޖާއަކުން އިންޑިއާ ވަނީ ކުވޭތު އަތުން މޮޅުވެފައެވެ. އަދި މިއަދާ ހަމައަށްވެސް އެ މެޗުން ނޫނީ، އިންޑިއާއަށް މި ސަރަހައްދުން ބޭރުގެ ޓީމަކާ ރަށުން ބޭރުގައި ވާދަކޮށް މޮޅުވެވިފައެއް ނެތެވެ. އެހެންކަމުން އެފަދަ ތާރީޚީ މެޗެއްގައި ލަނޑު ޖަހައިގެން ޖެރީ ގާއިމުކޮށްފައިވާ ރެކޯޑު އެހާފަސޭހައިން އޮޅުވާލެވުނީ ކީއްވެހެއްޔެވެ.

އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރީންކަމަށްވާ، ގޯރަމަންގީ ސިންހު، ޑެބަބްރަތާ ރޯއީ، ގައުމީ ޓީމުގެ އެއްނަންބަރު ގޯލްކީޕަރު ސުބްރަތާ ޕޯލް ފަދަ ކުޅުންތެރީންނަކީ އޭރު ޓާޓާ ފުޓްބޯލް އެކަޑެމީގައި ޖެރީއާއެކު ތަމްރީނުވި 'ބެޗްމޭޓުން'ނެވެ. ކުވޭތު ކޮޅަށް ލަނޑު ޖެހި އިރު، ޖެރީގެ އުމުރަކީ، 16 އަހަރާ، 311 ދުވަހެވެ. އަދި ލަލިއަންޒޯލާ ނޭޕާލް ކޮޅަށް ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރާ، 140 ދުވަހެވެ.

"އަހަންނަށް އެނގޭ އަހަރެން ގައުމީޓީމަށް ކޮށްދިން ކަންތައް މީހުން ހަނދާން ނެތްކަން. އަދި އޭރު މީޑިއާތަކުން ވެސް އެވާހަކަ ކަވަރުކޮށްފައެއް ނުވޭ. އަހަރެންގެ އުފަން ދުވަހަކީ 25 ޑިސެމްބަރު 1987. އަހަރެން ކުވައިތުކޮޅަށް ލަނޑު ޖެހިއިރު އަހަރެންގެ އުމުރުން ވާނީ 16 އަހަރު،" ޖެރީ އޭނާގެ ޝުއޫރުތައް ގޯލަށް ކިޔައިދިނެވެ.

ޖެރީ ވަނީ، އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ ކުލަބުތައް ކަމަށްވާ މޯހަން ބަގާން، ޗާޗިލްސް ބްރަދާސް، ޑެމްޕޯ އަދި ޔުނައިޓެޑް ސްޕޯޓްސް ފަދަ ކްލަބްތަކަށް ކުޅެފައެވެ. އޭނާ ގައުމީ ޓީމަށް އެންމެ ފަހުން ކުޅެފައި ވަނީ، މީގެ ދެ ސީޒަނެއް ކުރީން، އޭނާ ކުޅެމުންއައި މޮހަންމެޑާން ސްޕޯޓިން ސްކޮޑް އައިލީގުން ރެލިގޭޓް ވުމާ ހަމައަށެވެ.

އިންޑިއާގެ ގިނަ ފުޓްބޯޅަ ކުޅުންތެރީންނެކޭ އެއްފަދައިން، ޖެރީވެސް މިހާރު ހުރީ ކޮންޓްރެކްޓް ހަމަވެ، ފުޓްބޯޅަ ކެރިއަރު ދޫކޮށްލައިގެންނެވެ.

"އަހަރެން ބޭނުމެއް ނޫން މިވާހަކަތައް އިތުރަށް ދައްކާކަށް މިހާރު. އަހަރެން މިހާރު ބޭނުންވަނީ އަހަރެންގެ އަމިއްލަ ޓައުންގައި އާ ވިޔަފާރިއަކާއިގެން ކުރިއަށްދާން،" ޖެރީ ބުންޏެވެ.