ޕީޓަ ޗެކް ބެލެހެއްޓި ގޯލަކަށް ލިއޮނަލް މެސީ އަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާ އިރު އެ ރިކޯޑް ދަމެހެއްޓުމަށް އަދިވެސް ބޭނުންވާ ކަމަށް އަސެނަލްގެ ކީޕަރު ޕީޓަ ޗެކް ބުނެފިއެވެ.

އިނގިރޭސި ކުލަބު ޗެލްސީގައި 2003 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމުގެ ގޯލު ބަލަހައްޓަމުން އައި ޗެކް އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި ދެ ކުޅުންތެރިން މީގެ ކުރިން އަށް މެޗެއްގައި ވާދަ ކޮށްފައިވާ އިރު މެސީއަށް ވަނީ ޗެކް ގޯލުގައި ހުއްޓައި ލަނޑެއް ޖަހަން ނުކުޅެދިފައެވެ.

މި ދެ ކުޅުންތެރިން ދެ ލީގެއްގައި ކުޅެމުން އަންނަ އިރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޗެކް ބުނީ އޭނާ ބަލަހައްޓަމުން އަންނަ ގޯލަށް ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ މެސީ އަށް ގޯލެއް ޖެހިފައިނުވާތީވެ ފަޚްރުވެރިވާ ކަމަށާއި މުސްތަގްބަލްގައި ވެސް އެ ގޮތުގައި ދެމިހުރުމަށް ބޭނުން ވާ ކަމަށެވެ.

2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގްގައި ބާސާއާއި ޗެލްސީ ކުޅުނު މެޗުގައި ބާސާ އަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލާ އިރު ޗެލްސީގެ ކީޕަރު ޗެކް އެ ޕެނަލްޓީ ދިފާއު ކުރަނީ --- ފޮޓޯ: މިރާ

"އާންމު ގޮތެއްގައި ގިނަ މީހުންނަކަށް ނުބުނެ ވޭނެ އަށް މެޗު ކުޅެފައިވާ އިރު އެ ޓީމެއް ކޮޅަށް މެސީ އަކަށް ގޯލެއް ނުޖެހެ އެކޭ. ނަމަވެސް އަހަރެން ވަރަށް ފަޚްރުވެރިވޭ އެ ކަމާއި،" ޗެކް ބުންޏެވެ.

ބާސެލޯނާ އާއި ޗެލްސީ ދެ ލީގެއް ގައި ކުޅެމުން އަންނަ އިރު އެ ދެ ޓީމު ބައްދަލު ކުރަން ޖެހެނީ ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ކަމަށްވާއިރު ޗެކް ބުނީ އޭނާ އެންމެ އުފާ ވަނީ އޭނާގެ ކޮޅަށް ގޯލެއް ނުޖެހުމުން ނޫން ކަމަށާއި އެންމެ އުފާ ވަނީ އޭނާގެ ޓީމުގެ ބަލިނުވެ ދެ ވަނަ ބުރަށް ދެވުމުން ކަމަށެވެ.

މިފަހަރު ވެސް ޗެކް އާއި މެސީ ގެ ކުރިމަތިލުމެއް ފެނިގެން ދާނީ ޗެމްޕިއަންސް ލީގުގައެވެ. އެ ގޮތުން މި ސީޒަނުގައި އާސެނަލް އާއި ގުޅުނު ޗެކް އޭނާގެ ޓީމާއި އެކު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންނަ މަހު 24 ގައި އާސެނަލްގެ އެމަރޭޓްސް ސްޓޭޑިއަމުގައި ނުކުންނާނެވެ.