އެމްޑީޕީއަށް ވަނުމަށް ބޭނުންވާނަމަ އެޕާޓީގެ މެމްބަރުންގެ ކިބައިން މާފަށް އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަށް އަންގައިފި އެވެ.

އެމްޑީޕީއަށް ވަނުމަށް އެދި މޫސަ އެޕާޓީއަށް ފޮނުވި ސިޓގެ ޖަވާބުގައި އެމްޑީޕީއިން ބުނެފައިވަނީ ޕާޓީއަށް ވަނުމަށް ބޭނުންވާނަމަ މޫސަ ޖެހޭނީ މެމްބަރުންގެ އިތުބާރު ހޯދަން ކަމަށެވެ. އެގޮތުން މެމްބަރުންގެ ކިބައިން މާފަށް އެދި ލިޔުމަކުން އަންގަން ޕާޓީއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ޕާޓީއަށް އަލުން ވަންނަ ނަމަ މޫސައައާ އެކު އިތުރު 50 މެމްބަރުންގެ މެމްބަރޝިޕް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ. އެނޫންނަމަ މޫސަ ހުށަހެޅުއްވި މެމްބަޝިޕް ފޯމު ބަލައި ނުގަނެވޭނެ ކަމަށް އެމްޑީޕީއިން ބުނެ އެވެ.

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން: އެ ޕާޓީން ބުނީ ޕާޓީއަށް ވަންނަން ބޭނުންނަމަ މޫސަ ޖެހޭނީ މާފަށްއެދެން ކަމަށް-- ސަން ފައިލް ފޮޓޯ

މޫސަ އިއްޔެ 'ސަން' އަށް ވިދާޅުވިގޮތުން އެމްޑީޕީއިން އޭނާގެ ފޯމު ބަލައިގެންފައި ނުވަނީ "ޕާޓީއަށް ރީކޯ މޫސަ ވައްދަން ބޭނުމެއް ނޫނޭ" ބުނެ އެވެ.

މޫސަ އެމްޑީޕީން ވަކިކޮށްފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ވަކިކުރުމަށް މަޖިލީހުން ނެގި ވޯޓުގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ޚިލާފުވި ކަމަށް ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާގޮތުން ރީކޯ މޫސަ އަކީ އަދިވެސް އެމްޑީޕީގެ މެމްބަރެކެވެ.