ރަނާސް މޯލްޑިވްސް ގެ ފަރާތުން ބޭއްވި އަލްޓްރާ ރަން މެރަތަންގައި 24 ގަޑިއިރުގެ ދުވުން އަހްމަދު އާތިފް(އާތި) ފުރިހަމަ ކޮށްފަައިވާ އިރު އޭނާ އަކީ ބަތަލެއް ކަމަށް ކޯޗު ނަސީރު ބުނެފިއެވެ.

މީގެ މަހައްހާ ދުވަސް ކުރިން 24 ގަޑި އިރުގެ ދުވުމަށް ތައްޔާރުވަމުން އައި އާތި އަށް ކޯޗް ކޮށްދިން ރަނާސް މޯލްޑިވްސްގެ ކޯޗް ނަސީރު އިސްމާއިލް މިއަދު 'ސަން' އާ ވާހަކަ ދައްކަމުން ބުނީ، އާތި ކުރަން ނިކުއިން ކޮންމެ ކަމަކަށް ވެސް ނިކުންނަނީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށާއި އެނާ އަކީ ހިތް ވަރުގަދަ ބަތަލެއް ކަމަށެވެ.

"އަޅުގަނޑަށް އިނގޭ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަން ވެސް. ނަވަމެސް ފުރިހަމަ އަށް އިތުބާރު އޮތް އާތިއާ ދޭތެރޭގައި. އޭނާ އަކީ ވަރަށް ހިތްވަރު ގަދަ ރާއްޖޭގެ ދުވުންތެރިން ނަމޫނާ އަކަށް ބަލަންޖެހޭ ފަދަ ސަހްސިއްޔަތެއް،" ނަސީރު ބުންޏެވެ.

އާތި ވަނީ 24 ގަޑިއިރުގު ދުވުން ފުރިހަމަ ކޮށް މާލެ ވަށައި 27 ބުރު ޖަހައި 146 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތު ކޮށްފައި ކަމަށްވެސް ނަސީރު ބުންޏެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރި 2015 ވަނަ އަހަރުގެ އެންމެ ފަހު 50 ގަޑިއިރުތެރޭގައި ރަނާސް މޯލްޑިވިސްގެ ފަރާތުން ބޭއްވި އެމްވީ 50 އަލްޓްރާ ރަންސްގެ އެންމެ ފާހަގަ ކޮށްލެވޭ ހަރަކާތަކަށް ވެގެން ގޮސްފައިވަނީ ބުދަ ދުވަހުގެ ރޭ 11:00 އިން ރޭ 12:00 އާ ހަމައަށް އާތި ފުރިހަމަ ކުރި 24 ގަޑި އިރުގެ ދުވުމެވެ.

ރޭގެ އެ ދުވުން ނިއްމާލުމަށް ފަހު އާތި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ނަސީރު ބުނީ އާތިއަށް އެއްވެސް ސިއްހީ މައްސަލައެއް ދިމާ ނުވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ އެ ފަދަ ދިގު ދުވުމެއް ފުރިހަމަ ކުރުމަށް ފަހު 48 ގަޑިއިރުގެ އޮބްޒެވޭޝަނަކަށް ކަމަށާއި އޭގެ ފަހުން އޭނާ ދޫކޮށްލާނެ ކަމަށެވެ.

ރާއްޖޭގައި އަލަށް 24 ގަޑިއިރުގެ ދުވުމެއް ކާމިޔާބް ކަމާއި އެކީ ނިއްމާލެވުނު އިރު އެ ހަރަކާތުން އާތި އަށް ލިބުނު ހުރުހާ ފައިސާ އެއްވެސް ވަނީ ޗެރިޓީއަށް ހަދިޔާ ކުރުމަށް ނިއްމާފައެވެ. އެ ގޮތުން އާތި އަށް ލިބުނު 30000 އަށް ވުރެން ގިނަ ފައިސާ ގުރައިދޫ ގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމާފައެވެ.