ޓްރިވެންޑްރަމް، އިންޑިއާ (1 ޖެނުއަރީ)- ސާފް ސުޒުކީ ކަޕްގައި ވާދަ ކުރި ސްރީލަންގެ ގައުމީ ފުޓްބޯޅަ ޓީމުގެ އަމާޒަކީ ކުރިމަގަށް ވަރުގަދަ ޓީމެއް ބިނާ ކުރުމަށް ކަމަށް އެ ޓީމުގެ ކޯޗް ސަމްޕަތު ޕެރޭރާ ބުނެފިއެވެ.

މީޑިއާ ވާހަކަ ދައްކަމުން ޕެރޭރާ ބުނީ، ކުރިމަގަށް ޓީމު ބިނާކުރުމުގައި ސާފް ސުޒުކީ ކަޕުން އެޓީމަށް ގިނަ ފިލާ ވަޅުތަކެއް ދަސްވެއްޖެ ކަމަށެވެ.

އެގޮތުން އޭނާގެ ޓީމުން ގިނަ އަދަދެއްގެ ޒުވާނުންނަށް ފުރުސަތު ދީފައިވާކަން ޕެރޭރާ ފާހަގަ ކުރިއެވެ.

"އަހަރެމެންގެ ހުރިހާ ވިސްނުމެއް ހުރީ ޓީމު ބިނާ ޖުރުމަށް. އެގޮތުން ސާފް ޗެމްޕިއަންޝީޕަކީ އަހަރެމެންނަށް ގިނަ ފިލާވަޅުތަކެއް ދަސްވި މުބާރާތެއް،" ޕެރޭރާ ބުންޏެވެ.

އޭނާ ބުނީ، ބަނގުލަދޭޝްގައި ބާއްވާ ބަންގުބަންދު ގޯލްޑްކަޕްގައި ބައިވެރިވުމަށް ވިސްނަމުންދާ ކަމަށާއި އެ މުބާރާތަށް ވަކި ޕްލޭނެއް އަދި ނެތްކަމަށެވެ.

ޕެރޭރާ ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވުމުން ހިތް ހަމަޖެހޭ ކަމަށާއި މިފަހަރު އޭނާގެ ޓީމުގައި ހައި ސުކޫލުގައި ކިޔަވަމުންދާ ދަރިވަރަކުވެސް ހިމަނާފައިވާ ކަމަށެވެ. ޓީމު ޒުވާން ނަަމަވެސް މެޗްތަކުގައި ދެއްކި ކުޅުމުން އެކުޅުންތެރިންނަށްވެސް މިމުބާރާތުން ރަނގަޅު ތަޖުރިބާއެއް ލިބިގެން ދިޔަކަން ޕެރޭރާ ފާހަގަ ކުރިއެވެ.

މިފަހަރުގެ ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލްގައި އަފްޣާނިސްތާނާ ވާދަކޮށް ލަންކާ ވަނީ 5-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.