ގާހިރާ (ޖަނަވަރީ 1) : ނީލަކޯރަށް ކުޑަ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން 12 މީހުން މަރުވެ އިތުރު ބަޔަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

މިހާދިސާ ހިނގީ ގާހިރާގެ އުތުރުގައިވާ މިސްރުގެ ކަފަރުއްޝައިޚް ގަވަނޭޓްގައި އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެގަވަރނޭޓްގެ ބަޔަކު ނީލަކޯރު ހުރަސްކުރުމަށް ކުޑަ ބޯޓެއްގައި ދަތުރުކުރަނިކޮށް އެބޯޓު ނީލަކޯރަށް ބަންޑުން ޖަހާލުމުގެ ސަބަބުންނެވެ.

މިބޯޓުން ދަތުރުކުރިކަމަށްވަނީ 22 މީހުންނެވެ. ބޯޓު ބަންޑުންޖަހާލީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިހާދިސާގައި ސަލާމަތްވި މީހުންނަށްވެސް ވަރަށްބޮޑަށް ފެންބޮވި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މިސްރުގައި މިބާވަތުގެ ޙާދިސާތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. މިދިޔަ ޖުލައިމަހުގެ ގާހިރާގެ އުތުރުގެ ހިސާބަކުން ނީލަކޯރުގައި ދަތުރުކުރި ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން 40 މީހުން މަރުވެފައިވެއެވެ. މިފަދަ ޙާދިސާތައް ކުރިމަތިވަނީ ފަރުވާކުޑަވުމާއި އިހުމާލުގެ ސަބަބުންނެވެ. އަދި ނީލަކޯރުގައި ދުއްވާ ފެރީތައް ބާވެފައިވުމަކީވެސް މިފަދަ ޙާދިސާތައް ކުރިމަތިވާ ސަބަބެއްކަމަށް ވަނީ ބެލެވިފައެވެ. (އަލްޖަޒީރާ)