ޑޮލަރު ވިއްކާ އަގަށް ބޭންކުތަކުން ދުވަހުން ދުވަހަށް ގެންނަ ބަދަލާ އެއްވަރަށް ޖެޓް ފިއުލް ވިއްކާ އަގަށް ވެސް ބަދަލު ގެނައުމަށް ޖީއެމްއާރުން ހަމަޖެއްސުމާ ގުޅިގެން، ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ލީޓަރެއް ވިއްކާ އަގު 19.551ރ. އަށް ބޮޑުވެއްޖެ އެވެ.

މާލެ އެއާޕޯޓް އޮޕަރޭޓްކުރާ އިންޑިއާގެ ޖީއެމްއާރް ކުންފުނިން ނެރެފައިވާ ސާކިއުލާއެއްގައި ބުނަނީ، ޑޮލަރުގެ ރޭޓުން ޖެޓް އޭވަން ފިއުލް ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވި ނަމަވެސް، މީގެ ފަހުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރުމަށް ޖެޓް ފިއުލް ގަންނަ ފަރާތްތަކުން ރުފިޔާ އިން ފައިސާ ދައްކާ އިރު ބަލަން ވާނީ އެ ދުވަހަކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓަކަށް ޖީއެމްއާރުން ކަނޑައަޅައިފައިވާ ރޭޓަށް ކަމަށެވެ.

އެ ރޭޓް ކަނޑައަޅަނީ އެ ދުވަހެއްގެ ކުރީ ދުވަހު ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި އެޗްއެސްބީސީން ޑޮލަރު ގަނެވިއްކާ ރޭޓަށް ބެލުމަށް ފަހު ކަމަށް ވެސް ޖީއެމްއާރުން ބުނެ އެވެ.

އެގޮތުން އިއްޔެ އާއި މިއަދު ޑޮލަރެއްގެ އަގަކަށް ޖީއެމްއާރުން ކަނޑައަޅާފައިވަނީ 15.42ރ. ކަމަށް ޖީއެމްއާރުން ބުންޏެވެ.

އެހެންކަމުން އެ ރޭޓުން ބަލާ އިރު، 1.26791 ޑޮލަރަށް ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ވިއްކާ ޖެޓް ފިއުލް ލީޓަރެއްގެ އަގު ވަނީ 19.551ރ. އަށް މައްޗަށް ގޮސްފަ އެވެ.

ޖީއެމްއާރުން ބުނީ، އެގޮތަށް ހަމަޖައްސަން ޖެހުނީ އެއާޕޯޓަށް ޖެޓް ފިއުލް ސަޕްލައިކޮށްދޭ ފަރާތަށް އެކުންފުނިން ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށްވާތީ، ރުފިޔާގެ ގޮތުގައި ލިބޭ ފައިސާ ވެސް އެ ކުންފުނިން ޑޮލަރަށް ބަދަލުކުރަން ޖެހޭތީ ކަމަށެވެ. ޖެޓް ފިއުލް ޖީއެމްއާރަށް ސަޕްލައިކުރަނީ އެސްޓީއޯ އިންނެވެ.

ޖީއެމްއާރުން ވަނީ ފާއިތުވި ފަސް މަހުގެ ތެރޭގައި ފަސް ވަނަ ފަހަރަށް ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފަ އެވެ.

ދުނިޔެގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ އެންމެ ފަހުން ޖީއެމްއާރުން ޖެޓް ފިއުލްގެ އަގުބޮޑުކުރީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. އެދުވަހު ނެރުނު ސާކިއުލާގައި ބުނަނީ، އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ވިއްކާނީ، މި ދިޔަ މަހު ޖެޓް ފިއުލް ލިޓަރެއް ވިއްކި 1.195 ޑޮލަރަށް ވުރެ، 0.07291 ސެންޓް ބޮޑުކޮށް ކަމަށެވެ. އަދި އިންޓަނޭޝަނަލް ފްލައިޓްތަކަށް މި މަހުން ފެށިގެން ޖެޓް ފިއުލް ވިއްކާ ރޭޓް، 1.17807 ޑޮލަރަކީ މިދިޔަ މަހު ވިއްކި 1.10442 ޑޮލަރަށް ވުރެ، 0.07365 ޑޮލަރު ބޮޑު އަދަދެކެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 10.28ރ. އާއި 15.42ރ. އާ ދެމެދުގެ އަގެއްގައި ޑޮލަރު ގަނެވިއްކުމުގެ ހުއްދަ ސަރުކާރުން ދިނުމާ ގުޅިގެން ހުރިހާ ބޭންކުތަކުން ވަނީ ކުރިން ޑޮލަރު ވިއްކަމުން ދިޔަ ފިކްސްޑް ރޭޓް، 12.85 ރުފިޔާ އަށް ވުރެ ބޮޑުކޮށް ޑޮލަރެއް ވިއްކަން ފަށައިފަ އެވެ.