މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެންމެ ފުރަތަަމަ ފަތުރުވެރިއަކަށް އިނގިރޭސި ވިލާތުގެ މީހަކު ވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރުސީ ގުޅިގެން އަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިއާ އަށް މަރުހަބާ ކިއުމަށް އިބްރާހިމް އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފަ އެވެ.

މިއަދު 6:50 ގައި އެންމެ ފުރަތަމަ ފަތުރުވެރިޔާ ކޭޓް ހޮލްމެސް ރާއްޖެ އައިސްފައިވަނީ އޮމާން އެއާގެ ފްލައިޓަކުންނެވެ. އޭނާއަށް މަރުހަބާ ދެންނެވުމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދާއި ޓުއަރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރުސީގެ އިސްވެރިން ވަނީ ވަނީ އެއާޕޯޓަށް ގޮސްފަ އެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެންމެ ފުރަތަަމަ ފަތުރުވެރިއާއަށް މަރުހަބާ ކިއުމަށް އައިއެންއައި ގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ -- އެމްއެމްޕީއާރުސީ

މިއަދު ހެނދުނު ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ފުރަތަމަ ފަތުވެރިއާ އަށް މަރުހަބާ ކިއުމުގެ ގޮތުން ބޮޑުބެރުގެ ފަރި ހަރަކާތްތަކާއި ސަގާފީ ނެށުންތައް ވަނީ ދައްކާލާފަ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ. އެގޮތުން ގައުމީ ފެންވަރުގަ އާއި ބައިނަލްއަގްވާމީ ފެންވަރުގައިވެސް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް އެމްއެމްޕީއާރުސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 1.5 މިލިއަނަށް އެރުވުމަކީ މިއަހަރުގެ ޓާގެޓް ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ. އަދި މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިއާ އަށް ހާސްކޮށްގެންވެސް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެމްއެމްޕީއާރުސީއިން ވަނީ ރާވާފަ އެވެ.