01 Jan 2016, 13:18
ވޭތުވެދިޔަ 2014 ވަނަ އަހަރާ އަޅާ ބަލާއިރު ކުށުގެ މައްސަލަތައް 2015 ވަނަ އަހަރު 12 ޕަސެންޓު ދައްވެއްޖެ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރު ކުށުގެ މައްސަލަތަކުގެ ގޮތުގައި 15725 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. ނަމަވެސް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު ކުށުގެ މައްސަލަތަކުގެ އަދަދަކީ 13707 ކެވެ.
ކުށުގެ މައްސަލަތައް މަދުވި ދާއިރާތަކުގެ ތެރޭގައި ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތީގެ މައްސަލަތައް ފާހަގަކޮށްލެވެ އެވެ. 2014 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި ހުށަހަޅާފައި ވަނީ 3138 ކެވެ. އެއަދަދު މިދިއަ އަހަރު އުޅެނީ 2074 ގަ އެވެ.
ގެވެށިއަނިޔާ އާދަޔާ ހިލާފަށް އިތުރުވި
ކުށުގެ މައްސަލަތައް 2014 ވަނަ އަހަރާ އަޅާ ބަލާއިރު 2015 ވަނަ އަހަރު މަދުވި ނަމަވެސް ގެވެށި އަނިޔާގެ މައްސަލަތައް ވަނީ އާދަޔާ ހިލާފަށް އިތުރުވެފަ އެވެ.

އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަށް ހޭލުންތެރިކުރުމަށް ފުލުހުން ބޭނުންކުރާ ޕޯސްޓަރެއް -
ވޭތުވެދިޔަ 2014 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު ގެވެށިއަނިޔާގެ މައްސަލަތަކުގެ އަދަދަކީ 186 އެކެވެ. ނަމަވެސް އޭގެ ދެގުނައަށް 2015 ވަނަ އަހަރު ހުށަހެޅުނު ގެވެށިއަނިޔާގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެއީ 338 މައްސަލަ އެވެ.
އޭގެއިތުރުން ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައްވެސް 2014 ވަނަ އަހަރާ އަޅާ ބަލާއިރު 2015 ވަނަ އަހަރު ވަނީ އިތުރުވެފަ އެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރު ހުށަހެޅުނު ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކުގެ އަދަދަކީ 476 އެކެވެ. އަދި 2015 އަހަރު އެއަދަދު އެޅެނީ 531 ގައެވެ.
މަރުގެ މައްސަލަތައް މިދިއަ އަހަރު އިތުރުވި
މީހުން މެރުމުގެ މައްސަލަތައްވެސް 2014 ވަނަ އަހަރާ އަޅާބަލާއިރު 2015 ވަނަ އަހަރު ވަނީ އިތުރުވެފަ އެވެ. ދެހާސްސާދަ ވަނަ އަހަރު ފަސް މީހަކަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާއިރު، 2015 ވަނަ އަހަރު ނުވަ މީހަކު މަރާލާފައިވެ އެވެ.

މިދިއަ އަހަރު ރާއްޖޭގައި ހިނގި މަރުގެ ހާދިސާތަކަށް ބަލާއިރު ކުޑަކުއްޖަކާއި ބިދޭސީންނާއެކު ޒުވާނުން ވެސް ރަހުމްކުޑަ ހަމަލާތަކުގައި މަރާލާފައިވެ އެވެ.
ހަމަލާތަކުގައި 2015 ގައި މަރުވި މީހުން
- މުހައްމަދު އިބްތިހާލް
- ޖައިލަމް އަހްމަދު ޝާކިރު
- އަލީ ޒިޔަދަމް
- ޝާހީން މިއާ
- ނޫރު އާދަމް ހަސަންފުޅު
- ބާދްޝަހުމިޔާ
- ހުސައިން ޝިއާރު
- އަހްމަދު ޒަމީން
- ޒިއާދާ ނައީމް
ޖުމްލަކޮށް ކުށުގެ މައްސަލަތައް މަދު އަހަރެއްގެ ގޮތުގައި 2015 އަހަރު ފާހަގަކުރެވުނު ނަމަވެސް އަނިޔާވެރި ކުށުގެ މައްސަލަތައް އެއަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ގެވެށި އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި މީހުން މެރުން އިތުރުވި އަހަރެއްގެ ގޮތުގައި 2015 ވަނަ އަހަރު ފާހަގަކުރެވެ އެވެ.