އާ އަހަރުގެ ހަވާ އަރުވަން ތައްޔާރުވަމުން ދަނިކޮށް ދުބާއީގެ އަދި ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ، "ބުރްޖު ޚަލީފާ" ޓަވަރު ކައިރީ ހުރި އުސް އިމާރާތެއްގައި ގަދައަށް އަލިފާން ރޯވެއްޖެ އެވެ.

ސައުދީގެ ނޫސްތަކުން ބުނާގޮތުން އެ އަލިފާންގަނޑު ރޯވެފައި ވަނީ މިރޭ ރާއްޖެގަޑިން ގާތްގަނޑަކަށް 11:00 ހާއިރު އެވެ.

ބުރްޖް ޚަލީފާ ތަވަރު ކައިރީ ހޮޓަލުގައި އަލިފާން ރޯވެ ދުންއަރަނީ ------ ފޮޓޯ/ ޓުވިޓާ

އެ ހާދިސާގައި މިހާތަނަށް އެކަކު މަރުވެފައވާި ކަމަށް ސައުދީގެ ބައެއް އިދާރާތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން 14 މީހަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ. އެމީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އަލިފާން ރޯވެފައި ވަނީ ބުރްޖް ޚަލީފާ ކައިރީ ހުންނަ 60 ބުރީގެ "އެޑްރެސް ޑައުންޓައުން ހޮޓެލް" ނަމަކަށް ކިޔާ ހޮޓަލެއްގެ 20 ވަނަ ބުރީގަ އެވެ. އަދި އެ ހިސާބުން މުޅި ހޮޓަލަށް އަލިފާންގަނޑު ފެތުރެން ފެށި އެވެ.

އަލިފާންގަނޑު ގާތްގަނޑަކަށް ގަޑިއެއްހާ އިރު ތެރޭގައި ކޮންޓްރޯލް ކޮށްފައިވާ އިރު، މިރޭ ދުބާއީގައި ވަނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ހަވާ އަރުވާފަ އެވެ.

މިރޭގެ ހާދިސާގައި މަރުވި މީހާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ. އެމީހާ މަރުވެފައި ވަނީ އާ އަހަރުގެ ހަވާ އަރުވައި ނިމުނު ފަހުންނެވެ.