މިއަދު މެންދުރު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް ބެންކޮކް އެއާވޭސްގެ ފުލައިޓަކުން ހިފެހެއްޓި ފަސް ދިވެހި ފަސިންޖަރުން ކުށެއް ނުކުރާކަން ތަހުގީގުން ހާމަވުމުން އެމީހުން ދޫކޮށްލައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިއަދު މެންދުރު 12:40 ގައި ފުރަން ހަމަޖެހިފައި އޮތް ބެންކޮކް އެއާވޭޒް ފްލައިޓް 712 ގައި ތިބި ފަސެންޖަރުންގެ ތެރެއިން ފަސް ދިވެއްސަކު ފުލުހުން ހިފެހެއްޓީ އެމީހުންގެ އަމަލުތައް ހުރިގޮތުން އެބޯޓުގައި އެވަގުތު ތިބި ފަތުރުވެރިންގެ އާއިލާއަކަށް އުފެދުނު ޝައްކަކާއި ގުޅިގެން ހިތްހަމަ ނުޖެހި، އެމީހުންނާއެކު އެބޯޓުން ދަތުކުރަން ބޭނުންނުވާކަމަށްބުނެ އެކަމުގެ ޝަކުވާ ބޯޓުގެ ކްރޫންނަށް ހުށަހަޅައި ބޯޓުން ފައިބާފައިވަތީ ކަމަށެވެ.

ފަތުރުވެރިން ހުށަހެޅި އެ ޝަކުވާއާއި ގުޅިގެން އެ ފަސް ދިވެހިން ބޯޓުން ބޭލުމަށްފަހު އެފަދަ ހާލަތުގައި އަމަލުކުރާ އުސޫލުގެމަތިން ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި އެ ފަސިންޖަރުންގެ ލަގެޖް ބޯޓުން ބާލައި އެއާޕޯޓް ސެކިއުރިޓީން ފަސިންޖަރުންނާއި ފަސިންޖަރުންގެ ލަގެޖް އަލުން ބަލައި ފާސްކުރި ކަމަށް އެ ބަޔާނުގައިވެއެވެ.

ފަތުރުވެރިންނަށް ޝައްކު އުފެދިގެން ފުލުހުންނާ ހަމައަށް އެ މައްސަލައައުމުން ވަގުތުން އެ މައްސަލަ ތަހުގީގުކުރަން ފެށި ކަމަށް އެ ބަޔާނުގައިވެއެވެ.

ހިތްހަމަނުޖެހުން ފާޅުކުރި ފަތުރުވެރިންނާއި އަދި ދިވެހި ފަސް ފަސިންޖަރުންނާ ސުވާލުކޮށް ކުރި ތަހުގީގުން ހާމަވިގޮތުގައި ފަތުރުވެރިން ޝަކުވާ ކުރީ އެމީހުންނަށް އެހާދިސާ ސިފަވިގޮތުންކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ހަމައެންމެ ބޯޓުގެ ސަލާމަތީ ކަންކަމަށް އަސަރުކުރާފަދަ އެއްވެސް ކަމެއް ދިވެހި ޕެސެންޖަރުން ކޮށްފައި ނުވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެ ފަސް ދިވެހީން ދޫކޮށްލާފައިވާ ކަމަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުންޏެވެ.

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕުރިންޓެންޑެންޓް މުހައްމަދު ރިޔާޒު ވިދާޅުވީ ޝަކުވާ ހުށަހެޅި ފަތުރުވެރިންނާއި ބޯޓުން ބޭލި ދިވެހިންނާ ދެމެދުވެސް ސީދާކޮށް އެއްވެސް މުއާމަލާތެއް ހިންގާފައިނުވާ ކަމަށެވެ.

އެހާދިސާ ހިނގިވަގުތު އެބޯޓުގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ތިއްބެވުމަކީ އިއްތިފާގެއްކަމަށާއި އެހާދިސާއާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެބޯޓުން ދަތުރުކުރެއްވުމާ އެއްވެސް ގުޅުމެއް ނުވާކަމެއްކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.