31 Dec 2015, 23:59
(29 ޑިސެމްބަރުގެ އަދަދާ ގުޅޭ)
ކައުސާހިބާވެސްأمّ المؤمنينއަށް ޚާއްޞަ ޤަދަރެއް ދެއްވައެވެ. އިތުރު ސާހިބާއަކީ ރީތި އަޚްލާޤުގެ ފުރިހަމަ ނަމޫނާ އިންސާނިއްޔަތަށް ދެއްކެވުމަށްޓަކައި ފޮނުއްވި ސާހިބާއެވެ. އެހެންކަމުން، އަނބީންގެ މައްޗަށް ބަހައްޓާންވީ ފުރިހަމަ ލޯތްބާއި އަޅާލުމާއި ހެޔޮކަމުގެ ނަމޫނާވެސް އެކަލޭގެފާނު ވަނީ އިންސާނިއްޔަތަށް ދައްކަވައިފައެވެ.
އިފުކުގެ މައްސަލަ
أمّ المؤمنين السّيّدة عائشة رضى اللّه عنهاގެ ޙަޔާތްޕުޅުގެ އެންމެ މުހިންމު އެއް ޙާދިޘާއަކީ، އެކަމަނާގެ އިސްތަށިފުޅުގައި އެޅުވުނު ބުހުތާންދޮގުގެ މައްޗަށް ބިނާވެފައިވާ އިލްޒާމެވެ. މާތްقرآنގައި "الإفك" ގެ ނަން ދެއްވާފައިވާ ޙާދިޘާއެވެ. އެ ޙާދިޘާ ހިނގީ، ހިޖްރައިން ފަސްވަނަ އަހަރު (މީލާދީން 627) ޣަޒުވަތު ބަނުލް މުޞްޠަލިޤުގެ ދުވަސްވަރުއެވެ.
أمّ المؤمنين السّيّدة عائشة رضى اللّه عنهاވެސް ކައުސާހިބާصلّى اللّـه عليهوسلّمގެ އަރިހުގައި އެ ހަނގުރާމަޔަށް ވަޑައިގެންނެވިއެވެ. އެ ހަނގުރާމަޔަށްފަހު މުސްލިމުން އެނބުރި މަދީނާއަށް އައި މަގުމަތީގައި އެއްރެޔަކު ރޭގަނޑު ލަޝްކަރު މަޑުކޮށްގެން ތިއްބައިأمّ المؤمنينޤަޟާޙާޖަތަކަށް ލަޝްކަރާ ތަންކޮޅެއް ދުރަށް ވަޑައިގެންނެވިއެވެ. އެކަމަނާ އެކަމުން ނިމިވަޑައިގެން އެނބުރި ވަޑައިގަންނަވަނިކޮށް އެނގިވަޑައިގަތީ، ކަރުފުޅުގައި އޮތް އަބާރަނަކޮޅު ނެތްކަމެވެ. އެ އަބާރަނަކޮޅަކީ، އެކަމަނާގެ ދައިތާފުޅުالسّيّدة أسماء بنت أبى بكرގެ އަތްޕުޅުން އަނބުރާ ދައްކަވަން ގެންނަވާފައިވާ އަބާރަނަކޮޅެކެވެ. އެހެންކަމުން، އެ އަބާރަނަކޮޅު ހޯއްދަވަން ވަޑައިގެން ހޯއްދަވައިގެން ވަޑައިގެންނެވިއިރު، ލަޝްކަރު ދަތުރުކޮށްފައި ހިނގައްޖެއެވެ.
أمّ المؤمنينގެ ހަށިކޮޅު ލުއިކަމާއެކު، އެކަމަނާ އިންނަވާ ދޮޅިދާންކޮޅު އުފުއްލަވާ ބޭކަލުންނަށް އެކަމަނާ އޭގައި ވަޑައިގެން ނެތްކަން އެނގިވަޑައިނުގެން، ދޮޅިދާންކޮޅު ޖަމަލުމައްޗަށް ލައްވައިގެން ދަތުރު ކުރެއްވީއެވެ.
أمّ المؤمنينއެނބުރި ވަޑައިގެންނެވިއިރު ލަޝްކަރު ނެތުމުން ކަންބޮޑުވެވަޑައިގަތުމާއެކުވެސް، ގައިކޮޅުގައި ރަޖާކޮޅު ލައްވައިގެން އެތާނގައި އިށީނދެވަޑައިގެންނެވިއެވެ. އެކަމަނާ ދޮޅިދާންކޮޅުގައި ވަޑައިގެން ނެތްކަން އެނގުމުން، މުސްލިމުން އެކަމަނާ ހޯދަން އަންނާނެކަން އެނގިވަޑައިގަންނަވާތީއެވެ.
އެކަމަނާ އެތާނގައި އިންނަވަނިކޮށް ފެނިވަޑައިގަތީ، ކައުސާހިބާصلّى اللّـه عليهوسلّمލަޝްކަރުގެ ފަސްފަހަތުން ދަތުރުކުރެއްވުމަށް އަންގަވާފައިވާصفوان بن المعطّل رضى اللّه عنهއަށެވެ. އެކަލޭގެފާނަށް އެއީأمّ المؤمنينކަން އެނގިވަޑައިގަތުމުން،إنّا للّـه وإنّا إليه راجعونއޭ ވިދާޅުވެފައި އެކަލޭގެފާނުގެ ޖަމަލު ތިރިކުރައްވައިފިއެވެ.أمّ المؤمنينސަވާރުވެވަޑައިގަތުމުން، އެއްވެސް ވާހަކަފުޅެއް ދެއްކެވުމެއްނެތި ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ދަތުރުކުރައްވައިފައި ވަޑައިގެން ލަޝްކަރާ ހަމަކުރައްވައިފިއެވެ.
އިސްލާމްދީނުގެ ދުޝްމަނުން ކަމުގައިވާ މުނާފިޤުންނާއި،أبوبكر الصّدّيق رضى اللّـه عنهގެ ޢަދާވަތްތެރިން މި ޙާދިޘާ ބޮޑު ފިތުނައަކަށް ހަދައިލިއެވެ.
އެބައިމީހުންގެ މަޤްޞަދަކީ، ކައުސާހިބާصلّى اللّـه عليهوسلّمއާއިأبوبكر رضى اللّـه عنهއާ ދެމެދު ޚިލާފުތަކެއް އުފެއްދުމެވެ. ޢާއްމު މުސްލިމުންގެ ހިތްތަކުގައި އަހްލުބައިތުންގެ ޤަދަރު ކުޑަކުރުމެވެ. އަންޞާރުންނާއި މުހާޖިރުންގެ މެދުގައި ފިތުނައާއި ނަފްރަތު އުފެއްދުމެވެ. މި ފިތުނައިގައިވެސް އެންމެ ނަގާކިޔާ މީހަކަށްހުރީ މުނާފިޤުންގެ ވެރިޔާعبد اللّـه بن أبّى بن سلولއެވެ.
މި ޙާދިޘާއަކީ، ހުރިހާ އެންމެންނަށްވެސް ބޮޑު ދޮގެއްކަން އެނގޭ ޙާދިޘާއެކެވެ.أمّ المؤمنينގެ ތަޤްވާވެރިކަމާއިصفوان رضى اللّـه عنهގެ ޒާހިދުކަމާއި ދީންވެރިކަން ހުރިހާ މުސްލިމުންވެސް ޤަބޫލު ކުރެއެވެ. ނަމަވެސް މުނާފިޤުންގެ ފިތުނަވެރި ވާހަކަ ފަތުރަމުން ފުޅާކުރަމުން ގެންގޮސް، އެ ވާހަކަތައް ވަނީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليهوسلّمގެ ކަންފަތްޕުޅަށްވެސް ފޯރައިފައެވެ. އަބުރުވެރި، ޣީރަތްތެރި މާތް އިންސާނަކަށް ޚުދު ތިމާގެ އަނބިމީހާއާ ބެހޭގޮތުން މިފަދަ ބުހުތާންދޮގު ވާހަކަތަކެއް މުޖްތަމަޢުގައި ފެތުރޭން ފެށުމުން، ނުކޮށް ނުދާނެ ޠަބީޢީ ހިތި އަސަރު، އެމާތް ސާހިބާގެ ހިތްޕުޅަށްވެސް ދިޔައީ ކުރަމުންނެވެ.
މި ބުހުތާންދޮގުގެ ސަބަބުންأمّ المؤمنين السّيّدة عائشة رضى اللّه عنهاއަށް ލިބިވަޑައިގެންނެވި މޮޅިވެރިކަމާއި ހިތްޕުޅުދަތިކަމުގެ ވާހަކަ ޚުދު އެކަމަނާގެ އަރިހުން ޞަޙީޙު ފޮތްތަކުގައި ވާރިދުވެގެން އަޅުގަނޑުމެންނާ ހަމަޔަށްވަނީ އައިސްފައެވެ. ތިރީގައި މިވަނީ،سيّد أبو الأعلى مودودىތަފްހީމުލްޤުރްއާނުގައި އެވާހަކަތައް ލިޔުއްވައިފައިވާ ގޮތަށެވެ.
"މަދީނާއަށް އާދެވުމާއެކު، އަހަރެން ވަރަށްބޮޑަށް ބަލިވެއްޖެއެވެ. ގާތްގަނޑަކަށް މައްސަރަކާ ކައިރިވަންދެން އެނދުން ނުތެދުވެވި އޮންނާން ޖެހުނެވެ. ރަށުތެރޭގައި އެވާހަކަތައް އުދުހެމުން ދިޔައެވެ.رسول اللّـه صلّى اللّـه عليه وسلّمގެ ކަންފަތްޕުޅާ ހަމަޔަށްވެސް އެވާހަކަ ވަނީ ފޯރައިފައެވެ. އެކަމަކު އެވާހަކަތައް ދެކެވޭކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެންގެ ހިތަށް ކަށިހެރެމުންދިޔަ އެއްކަމެއް އޮތެވެ. އެއީ އެހެންނާ އަހަރެން ބަލިވެއުޅޭއިރު، އިތުރު ސާހިބާصلّى اللّـه عليهوسلّمބަހައްޓަވާ އޯގާވެރިކަމާއި އެހީތެރިކަން މިފަހަރު ނެތްކަމެވެ. އިތުރު ސާހިބާ ގެއަށް ވަޑައިގެންފައި ހަމައެކަނި އައްސަވައިލައްވަނީ، "މިހާރު ކިހިނެއް ހެއްޔެވެ؟" މިހެންނެވެ. އިތުރު ވާހަކަފުޅެއް ނުދައްކަވައެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ ޝައްކު އަހަރެންގެ ހިތުގައި އުފެދިފައިވެއެވެ.
އެންމެފަހުން އަހަރެން އިތުރު ސާހިބާގެ އަރިހުން އިޒުނަ ހޯދައިގެން އަހަރެންގެ މަންމަގެ އަރިހަށް ހިނގައްޖައީމެވެ. އަހަންނަށް ރަނގަޅަށް ހޭހަންވެވޭނީ އޭރުން ކަމުގައިވާތީއެވެ. އެއްރެޔަކު އަހަރެން ޤަޟާޙާޖަތަކަށް ދާން މަދީނާގެ ރަށްބޭރަށް ހިނގައްޖައީމެވެ. އެދުވަސްވަރު އަހަރެމެންގެ ގޭގެއަކު ގިފިއްޔެއް ނުހުރެއެވެ. ޤަޟާޙާޖަތަށް ދަނީ މީހުނާ ދުރަށް ވަލުތެރެއަށެވެ. އަހަންނާއެކު ވަޑައިގަތީمسطح بن اثاثةގެ މައިކަނބަލުންނެވެ. އެކަމަނާއަކީ އަހަރެންގެ ބައްޕަގެ ބޮޑުދައިތައެއްގެ ދަރިކަނބަލެކެވެ. (ބަޔެއް އެހެނިހެން ރިވާޔަތްތަކުން އެނގޭގޮތުގައި މުޅި އެ ޢާއިލާގެ ހުރިހާ ޚަރަދުބަރަދެއް ބަލަހައްޓަވަނީأبوبكر الصّدّيق رضى اللّـه عنهއެވެ. އެފަދަ ބޮޑު އިޙްސާންތެރިކަމެއް ލިބިވަޑައިގަތުމާއެކުވެސްمسطحވެސް ވަނީالسّيّدة عائشة رضى اللّه عنهاއާމެދު އެ ބުހުތާން ފަތުރާ މީހުނާ ބައިވެރިވެވަޑައިގެންފައެވެ.)
މަގުމަތީން ކޮންމެވެސް އެއްޗެއްގައި އެކަމަނާގެ ފައިންޕުޅު ޖެހުމުން ސިހިވަޑައިގެން "مسطحއަށް ހަލާކު ހުއްޓެވެ." މިހެން ވިދާޅުވެއްޖެއެވެ. (އެފަދަ ޙާލަތްތަކުގައި އެކަހަލަ ޢިބާރާތް ބޭނުންކުރުމަކީ ޢަރަބީންގެ އާދައެކެވެ.) އަހަރެން ބުނެފީމެވެ. ހާދަ ރަނގަޅު މަންމައެކެވެ. ދަރިކަލުންނަށް އެއްޗެހި ވިދާޅުވަނީއެވެ. އަނެއްކާ އެއީ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއެކެވެ. އެކަމަނާ ވިދާޅުވިއެވެ. އެބައިމީހުން ދައްކައިއުޅޭ ވާހަކައެއް، ދަރިފުޅު އަޑެއް ނާހަމުހެއްޔެވެ؟ މިހެން ވިދާޅުވެފައި އެ ދޮގުވާހަކަ ފަތުރާ މީހުން ފަތުރަމުންދިޔަ ވާހަކަތައް އަހަންނަށް ވިދާޅުވެދެއްވިއެވެ. (މުނާފިޤުންގެ އިތުރަށް މުސްލިމުންގެ ތެރެއިންވެސް ބަޔަކުވަނީ އެ ފިތުނައިގައި ބައިވެރިވެފައެވެ. އޭގެތެރެއިން އެންމެ ފާޅުކަންބޮޑީمسطح بن اثـاثــةއާއި މުސްލިމުންގެ އަރާހުންނެވި ޝާޢިރުحسان بن ثـابتއާއި،حمنة بنت جحشގެ ދައުރެވެ.)
އެވާހަކަތައް އަޑުއިވުމުން އަހަރެންގެ ނާރުތަކުގައި ހިނގަހިނގައިހުރި ލޭ ހިކޭގޮތްވިއެވެ. އެ ބޭނުމެއްގައި އަހަރެން ގެއިން ނިކުތް ބޭނުމުގެ މަތީންވެސް ހަނދާން ނެތިއްޖެއެވެ. ސީދާ ގެއަށް ހިނގައްޖައީމެވެ. އެރޭ ހަތަރުދަން ހޭދަކުރީ ރުއިމުގައެވެ.إبن هشامގެ ރިވާޔަތުގައިވާގޮތުން،أمّ المؤمنينއިތުރަށް ވިދާޅުވެފައިވެއެވެ. "ރޮވުނުވަރުން ހީވީ އަހަރެންގެ ހިތްވެސް ފަޅައިގެން ހިނގައިދާނެހެންނެވެ."
"މި ބުހުތާންދޮގު ވާހަކަ ފެތުރުމުގެ ސަބަބުން ކުރެއްވި ހިތާމަފުޅުގައިأمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ހިތްޕުޅާއި މޭފުޅު ވިރެމުން ދިޔައިރުވެސް، އެ ވާހަކަތައް ދިޔައީ ހައްތާވެސް ވަރުއަރަމުންނެވެ. އެކަމަނާގެ ފަރާތްޕުޅުން ދިފާޢުގައި ވާހަކަދައްކަވަން ތިއްބެވި އެންމެ ޚާއްޞަ ދެ އެހީތެރީން ކަމުގައިވާ އެކަމަނާގެ ބައްޕާފުޅާއި އެކަމަނާގެ ފިރިކަލުންވެސް ތިއްބެވީ ވަރަށްބޮޑަށް ފިކުރުފުޅު ބޮޑުވެފައެވެ. އެކަމަނާގެ މިޒާޖުފުޅާއި ޝަޚްޞިއްޔަތު އެންމެބޮޑަށް އެނގިވަޑައިގަންނަވަނީ އެ ދެބޭކަލުންނަށެވެ. ނަމަވެސް މިބާވަތުގެ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތާ ގާތްކަން ބޮޑުވިވަރަކަށް، އެފަރާތް ދިފާޢުކޮށްދިނުންވަނީ އުނދަގުލެވެ. އެކަމަނާގެ ދިފާޢުގައި އެ ދެބޭކަލުން ދައްކަވާ ވާހަކަފުޅުން ޢަދުއްވުން ނެރޭނީ މުޅިން ތަފާތު އެހެން މާނަތަކެކެވެ. އެހެންކަމުން، އެކަމަނާގެ ބައްޕާފުޅާއި ފިރިކަލުންވެސް ތިއްބެވީ ވަރަށްބޮޑު ޙައިރާންފުޅުކަމެއްގައެވެ. އެކިފަރާތްފަރާތުން އުކަމުންގެންދިޔަ ވިހަ ތީރުތަކަށް، ހިތްޕުޅާއި މޭފުޅު ދެއްވައިގެންނެވެ.
އިންސާނިއްޔަތުގެ މުޙްސިނުصلّى اللّـه عليه وسلّمގެ ޙަޔާތްޕުޅުގައި އެ ޙާދިޘާގެ ހިތިރަހަ ހުންނާނެ މިންވަރު، ކޮންމެ މާތް، ކޮންމެ ޙައްސާސް އިންސާނަކަށްވެސް ފުރިހަމަޔަށް ވަޒަންކުރެވޭނެކަން ކަށަވަރެވެ. އެމާތް ސާހިބާގެ އަމިއްލަފުޅު އިންސާނީ ޙައިޘިއްޔަތުން ބެލިކަމުގައިވިޔަސްމެއެވެ. އެކަލޭގެފާނު ހިންގަވަމުންގެންދެވި ހެޔޮކަމުގެ މުހިންމަތުގެ މަޞްލަޙަތުގެ ގޮތުން ބެލިކަމުގައިވިޔަސްމެއެވެ. އެ ނާޒުކު މައްސަލައަކީ ވަކިގޮތަކަށް ނުނިންމަވައި ދޫކޮށްލެއްވޭންއޮތް މައްސަލައެއްވެސް ނޫނެވެ. އެހެންކަމުން، ވަކިފަރާތަކަށް ބުރަވެވަޑައިގަތުމެއްނެތި މައްސަލަ ތަޙްޤީޤު ކުރައްވަން ފެއްޓެވިއެވެ. އިތުރު ސާހިބާގެ ނުހަނުގާތް ދެބޭކަލެއް ކަމުގައިވާأسامة بن زيدއާއި،على بن أبى طالب(رضى اللّـه عنــهم) ގެންނަވައި، އެބޭކަލުންގެ ޚިޔާލުފުޅު ހޯއްދެވިއެވެ.أسامةވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙުރުމަތްތެރި އަނބިކަނބަލުންނާމެދު ހެޔޮ ޚަބަރެއް މެނުވީ އަޅުގަނޑުގެ ކަންފަތާ ހަމަޔަށް ފޯރައިފައެއް ނުވެއެވެ. ފަތުރަމުން މިގެންދާ ވާހަކަތަކަކީ ބާޠިލު ދޮގު ވާހަކަތަކެކެވެ."
(ނުނިމޭ)